13 އެޕްރީލް 2020 - 12:38

ބާސެލޯނާ (އޭޕްރީލް 13) - ކްލަބަށް ރަނގަޅު ބަދަލުތަކެއް ގެންނަ ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މިހާރު އަމަލުކުރައްވަމުންދާ ދާގޮތުން އެ ކްލަބް ހަލާކުވާނެ ކަމުގެ ބިރު ބޮޑު ކަމަށް ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާ ވިކްޓަ ފޮންޓް ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ މިހާރު ހިންގާގޮތާ މެދު ހިތްހަމަނުޖެހިގެން އެ ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ކްލަބުގެ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެމިލީ ރޫސޯޑާއި އެންރިކޭ ޓޮމްބާސް އަދި ހަތަރު ޑިރެކްޓަރުން ކަމަށްވާ ސިލްވިއޯ އެލިއަސް، ޖޯސެފް ޕޮންޓް، ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި މެމްބަރުން އިސްތިއުފާ ދޭން ބާޓޮމެއުގެ ފަރާތުން ޕްރެޝަރުތަކެއް ކުރިމަތިކުރުވި އެވެ.
އަންނަ އަހަރު އޮންނަ ބާސެލޯނާގެ އިންތިހާބަށް ވަރުގަދަ އަށް ތައްޔާރުވަމުން އަންނަ ފޮންޓް ވަނީ ބާޓޮމެއު އަށް ފާޑުވިދާޅުވެ ބަޔާނެއް އާއްމުކުރައްވައިފަ އެވެ. އެ ބަޔާނުގައިވަނީ ތިން ކަމަކަށް ކްލަބްގެ މިހާރުގެ މެނޭޖްމަންޓްގެ ކިބައިން ޑިމާންޑްކޮށްފަ އެވެ. އެއީ ކްލަބްގެ ދުރުރާސްތާ ޕްލޭނާއި މި ވަގުތު (ކޮވިޑް-19ގެ މި ދަނޑިވަޅުގައި) އަމަލުކުރަމުން އަންނަ ގޮތް ދެ ފުށް ފެންނަ ގޮތަކަށް ހާމަކުރުމަށާއި ބާސެލޯނާގެ އިންތިހާބުގެ ކުރިން ކްލަބްގެ ހިންގުމަށް ބަދަލުތަށް ގެނައުން މަޑުޖައްސާލުމުގެ އިތުރުން ކުޅުންތެރިން ގަތުމާއި ވިއްކާލުމުގައި އަމަލުކުރާގޮތް އެއްވެސް ކަމެއް ނުފޮރުވައި ހާމަކުރުމަށެވެ.
"އަހަރެމެން މި ވަގުތު މި އޮތީ ކޮޅިގަނޑެއްގެ ތެރޭގައި. ކްލަބް ސަލާމަތްކުރާނަމަ މި ކްލަބްގެ ވިސްނުން ހުރި މީހުން މަގާމުތަކުގައި ތިބެން ޖެހޭނީ. މި ވަގުތު ބާޓޮމެއު ކަންތައްތައް ކުރާގޮތުން ކްލަބް ހަލާކުވެދާނެ،" ފޮންޓް ވިދާޅުވި އެވެ.
ބާޓޮމެއުގެ މައްޗަށް ކުރެވޭ އަނެއް ތުހުމަަތަކީ އެ ބާސެލޯނާގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ބަޔަކާ ހަވާލުކުރުމެވެ. ދާދި ފަހުން އިސްތިއުފާ ދެއްވި ބޯޑު މެމްބަރުން ވެސް ވަނީ ސޯޝަލް މީޑިއާގެ އެ ވާހަކަތައް ދޮގުކުރަން ކްލަބަށް މަޖުބޫރުވި ހާލަތުގައި އަމަލުކުރި ގޮތާ މެދު ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. ފޮންޓް ވިދާޅުވީ އެ ކަންތައްތައް ހިނގާދިޔައީ ވެސް ބާސެލޯނާ އަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
"ކްލަބެއް ހިންގޭނީ ކުޅުންތެރިންނާއި ދެން ތިބޭ މީހުން އެއް މިސްރާބެއްގައި ތިބެގެން. އެކަމަކު މި ފެންނަނީ އެހެން މިސްރާބަކަށް ދާތަން. މިއީ މިގޮތަށް ވާންޖެހޭ ކްލަބެއް ނޫން. ކުޅުންތެރިން ހިތްހަމަނުޖެހިފައި ތިބެގެން ކްލަބެއް ކުރިއަށްނުދާނެ،" ފޮންޓް ވިދާޅުވި އެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ދާދި ފަހުން ވަނީ ބާޓޮމެއުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ޕެޕް ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާ ހިމެނެ އެވެ. ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ޒަވީ އަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީ ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީ އެވެ.
ބާސެލޯނާގެ އިންތިހާބުގައި ވާދަކުރަން ކުރީގެ ރައީސް ޖޮއާން ލަޕޯޓާ ވެސް ވަނީ މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭނާ ވަނީ 2003 އިން 2010 އަށް ބާސެލޯނާގައި ރަނގަޅު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.