ޖަރުމަނުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ކްރޫސް
ޖަރުމަނުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ކްރޫސް

މެޑްރިޑް (އޮކްޓޯބަރު 13) - ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައިވާއިރު، އެއާ އެކު އޭނާ ވެފައިވަނީ އެންމެ ބޮޑު މުސާރައެއް ލިބޭ ޖަރުމަނުގެ ކުޅުންތެރިއާ އަށެވެ.

އުމުރުން 26 އަހަރުގެ ކްރޫސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރީ 2022 ވަަނަ އަހަރުގެ ނިޔަލަށެވެ. މި އެއްބަސްވުމުގެ ދަށުން ކްރޫސް އަށް ހަފްތާ އަކު 340،000 ޕައުންޑް ލިބޭނެ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ ބަޔާންގެ މެޓް ހަމެލްސް އާއި އާސެނަލްގެ މެސުޓް އޮޒިލް އެވެ. މި ދެ ކުޅުންތެރިންނަށް ވެސް ލިބެނީ ހަފްތާއަކު 160،000 ޕައުންޑެވެ.

ބަޔާން މިއުނިކް ދޫކޮށް ކްރޫސް ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރު 27 މިލިއަން ޕައުންޑަށެވެ. ކްރޫސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 100 އަށް ވުރެން ގިނަ މެޗުން އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީފަ އެވެ.

ރެއާލުން ކްރޫސްއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން އޭނާ އަށް ފާރަލަމުން އަންނަނިކޮށެވެ.