31 މެއި 2016 - 16:20

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ ރޯދަ މަހު ހިދުމަތް ދޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހު ހެނދުނު 10:30 ން ފެށިގެން މެންދުރުފަހު 3:30 އަށް މެއިން ބްރާންޗް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެހެން ބޭންކުތަކުން ހިދުމަތް ދޭ ގަޑިތަކަށް ވުރެ ދެގުނަ އިތުރު ވަގުތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް ފިޔަވައި އެހެން ބޭންކުތަކުން ރޯދަމަހު ހިދުމަތް ދޭނީ ހެނދުނު 10:30 ން މެންދުރު 1:00އަށެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ އެހެން ބްރާންޗްތައް ރޯދަމަހު ހުޅުވާނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި އެ ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް، ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަ މަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް ވިދާޅުވީ ރޯދަމަހު ހިދުމަތް ދޭ ވަގުތުތައް ކަނޑައެޅީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންފަރު ރަނގަޅުކޮށް، އެ މަހު ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ވީހާ ވެސް ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ރޯދަމަހު މެއިން ބްރާންޗުން ފަސް ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އެހެން މަސްމަހު ހިދުމަތް ދޭ ވަގުތުތަކަށް ވުރެ އެންމެ ބައި ގަޑިއިރު މަދު އަދަދެއް. ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާނެތީ، އަޅުގަނޑު އެ މުވައްޒަފުންނަށް ޝުކުރު އަދާކުރަން،" ނިމާލް ވިދާޅުވި އެވެ.