14 އެޕްރީލް 2020 - 08:00

އުމުރުން ވިއްސަކަށް އަހަރު ކުރިމަތިވި ބައްޔަކާ ގުޅިގެން ވަރަށް ގިނަ ފުރުސަތު ދޫކޮށްލަން ޖެހުނު ކަމަށާއި އޭނާގެ މާ ގިނަ މަސައްކަތްތަކެއް މިހާތަށް ފެނިފައި ނުވަނީ އެ ސަބަބާ ހުރެ ކަމަށް، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ބަތަލާ ޝައިލީން ވުޑްލީ ބުނެފިި އެވެ.
ނިއު ޔޯކް ޓައިމްސް އަށް 28 އަހަރުގެ ބަތަލާ ދިން އިންޓަވިއުއެއްގައި ބުނީ "ވަރަށް ބޮޑަށް ބަލިވެގެން އުމުރުގެ އެންމެ ޒުވާން ދުވަސްވަރު އުޅެން ޖެހުނީ ޖިސްމާނީ ވަރަށް ބޮޑު ވޭންތަކެއް" ގެ ތެރޭގައި ކަމަށެވެ.
"މި ވާހަކަ ކުރިއަކުން މިގޮތަށް އަހަރެން ނުވެސް ދައްކަން. އަދި މިހާރު ވެސް ބޭނުމެއް ނޫން ބަލީގެ ތަފުސީލަކަށް ދާކަށް. އެކަމަކު ކޮންމެވެސް ދުވަހަކު އެ ވާހަކަ ހިއްސާކުރާނަން،" އޭނާ ބުންޏެވެ. "ސިއްހީ މައްސަލަތަކެއް އެންމެ ފުރަތަމަ ދިމާވާން ފެށީ ދެހާސް ސާދައިގެ ފިލްމު ޑިވަޖެންޓް ކުޅެމުން ދިޔަ ދުވަސްވަރު."
ޝައިލީން ބުނި ގޮތުގައި ބަލިކަމުން އޭނާ އަށް ލިބުނު އެތައް ފުރުސަތުތަކެއް ދޫކޮށްލަން ޖެހުމަކީ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
"ހަމައަކަށް އެޅެން ދުވަސްތަކެއް ނެގި. އެ ދުވަސްވަރު އެތައް ފުރުސަތުތަކެއް ދޫކޮށްލަން ޖެހުނު އިރު އަހަރެން ވަރަށް ގަޔާވި ގިނަ މަސައްކަތްތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭ،" އޭނާ ބުންޏެވެ. "އަދިވެސް އަހަންނަށް މި ބުނާ ސިއްހީ މައްސަލައިން މުޅިއަކުން އަރައިގަނެވިއްޖޭ ބުނާ ހިތެއް. އެކަމަކު ވަރަށް ބޮޑުތަނުން ރަނގަޅުވެއްޖެ. އެކަމަށްޓަކައި ޝުކުރު ވެސް ކުރަން. ކެރިއަރުގެ ކުރިމަގާ މެދު ވާނެ ގޮތެއް ބުނާކަށް ނޭނގޭ. އެހެން ވިޔަސް އަހަރެން މިހިރީ ވަރަށް ގަދަ ހިތްވަރާ އެކު އާ އަޒުމެއްގައި މަސައްކަތްކުރަން ނުކުމެ."
ޝައިލީން ބުނިގޮތުގައި މީހަކަށް ސިއްހީ މައްސަލައެއް ދިމާވުމަކީ އެ މީހަކު އަމިއްލަ އަށް ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ގޮތް ނޭނގޭ ބައްޔަކާ ދެކޮޅަށް އެންމެ ބޮޑަށް ހަނގުރާމަ ކުރަމުން ދިޔަ އިރު، ވަރަށް ގިނަ މީހުންގެ ފަރާތުން ހިތަށް ތަދުވާ ކަހަލަ ވާހަކަތަކެއް އަހަން ޖެހުނު ކަމަށް ބުންޏެވެ.
"އެކަމަކު މިހާރު އަހަރެން މި ހުރި ހާލަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފަލުން މި ހުންނަނީ. ބޭނުން ވަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން." އެމެރިކާ އަށް އުފަން ބަތަލާ ބުންޏެވެ.
ވަރަށް ޅަ އުމުރުގައި އެކްޓިން އަށް ނުކުތް ޝައިލީންގެ ފުރަތަމަ ފިލްމަކީ 2005 ގެ "ފެސިލިޓީ: އޭން އެމެރިކަން ގާލް އެޑްވެންޗާ" އެވެ. އަދި އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ 2011 ގެ "ދަ ޑިސެންޑަންޓްސް" އިންނެވެ.
މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކުރި "އެންޑިންސް، ބިގިނިންސް" ގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ" އާއި "ޕްރިޒަނާ 760" ހިމެނެ އެވެ.
ޝައިލީން ވަނީ މިހާތަނަށް ގިނަ ޓީވީ ސިލްސިލާތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އޭ-ލިސްޓް ކާސްޓެއް ހިމެނޭ "ދަ ބިގް ލިޓްލް ލައިޒް" ހިމެނެ އެވެ.