14 އެޕްރީލް 2020 - 08:08

ކުރިން މި އަހަރު ގެނެސްދޭން އޮތް، ޑައިރެކްޓަރު ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ކުރިން މި އަހަރުގެ ޖުލައި 30 ގައި ގެނެސްދޭން އޮތް ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 އަށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި "އާރްއާރްއާރް" ގެ ތާރީހު އަނެއްކާ ވެސް ފަސްކޮށްފާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ކުރިން ރޭވި ގޮތަށް ފިލްމުގެ މަސައްކަތް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައިވުމެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް މި ދަނޑިވަޅުގައި ހުއްޓުމަކަށް އައިސްފައި އޮތީ ކޮރޯނާވައިރަހާ ހެދި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އާރްއާރްއާރް" ގެ ކާސްޓްގައި ވެސް ބޭރުގެ ތަރިންތަކެއް ތިބުމާއި ފިލްމުގެ ވަރަށް ގިނަ ޑިޕާޓްމަންޓްތަކުގައި ބިދޭސީ ޓެކްނީޝަނުން ހިމެނޭ އިރު، ވައިރަހާ ގުޅިގެން އިންޑިއާ ލޮކްޑައުނެއްގެ އޮތުމާއި ދަތުރުފަތުރު ވެސް ހުއްޓުމަކަށް އައިސްފައިވާތީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ރިލީޒްކުރާކަށް ފިލްމުގެ މަސައްކަތްތަކެއް ނުނިންމޭނެ އެވެ. އަދި މި ފިލްމަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ވެސް ހިމެނޭނެ ފިލްމަކަށްވާތީ އެކަމަށް ވެސް ވަރަށް ވަގުތު ނަގާނެ އެވެ.
އަނެއްކޮޅުން ވައިރަހުގެ ހާލަތު ރަނގަޅުވާނެ އިރެއް ވެސް ނޭނގޭތީ ފިލްމުގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން ފެށޭނެ އިރެއް ވެސް ނޭނގެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ވެސް "އާރްއާރްއާރް" ގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެނީ އަންނަ ޖޫން ހިސާބުގަ އެވެ. އެކަމަކު އެ ވެސް ވައިރަހުގެ ހާލަތަށް އަންނަ ހެޔޮ ބަދަލަކާ ގުޅިގެންނެވެ.
ނޫސްތަކުން ބުނާގޮތުގައި ފިލްމުގެ މަސައްކަތްތައް ރޭވި ގޮތަށް ނުގެންދެވި ދިގުލައިގެންދާތީ ސިނަމާތަކަށް ފިލްމު އަންނާނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް "އާރްއާރްއާރް" ގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
މި ފިލްމަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ޕީރިއަޑް އެކްޝަން ފިލްމެވެ. ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި އާލިއާ ބަޓްގެ އިތުރުން އަޖޭ ދޭވްގަނެވެ. "ރޮދުރާމް ރަނަމް ރުދިރަމް: އާރްއާރްއާރް" ފަސް ބަހަކުން ގެނެސްދޭނެ އެވެ. އެއީ ހިންދީ، ތަމަޅަ، ތެލެގޫ، ކަންނާޑާ އަދި މަލަޔާޅަމެވެ.
މި ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރިކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު، ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.