14 އެޕްރީލް 2020 - 08:04

ފިލްމީ ކެރިއަރު ފަށައިގަތީ އެކްޓަރު އަޔޫޝްމަން ކްރާނާއާ އެކީ ކަމަށްވާތީ އޭނާ އަބަދު ވެސް ވަރަށް ހާއްސަ ކަމަށް ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރް ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ އުންމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ބޫމީ މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެކުގައި މަސައްކަތްކުރަން ފެށި ފަހުން އަޔޫޝްމަނަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ދެ މީހުންގެ ގުޅުން އަބަދު ވެސް ވަރަށް ބަދަހި ކަމަށެވެ.
ބޫމީ ބޮލީވުޑަށް ތައާރަފުވީ 2015 ގައި އަޔޫޝްމަނާ އެކު ކުޅުނު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދަމް ލަގާ ކޭ ޙައިޝާ" އިންނެވެ. އޭގެ ފަހުން ދެ ތަރިން އެކީގައި މިދިޔަ އަހަރުގެ "ބާލާ" އާއި 2017ގެ "ޝުބް މަންގަލް ސާވްދާން" ކުޅެފައިވެ އެވެ. މީގެ އިތުރުން މި އަހަރު ރިލީޒްކުރި އަޔޫޝްމަންގެ "ޝުބް މަންގަލް ޒާދާ ސާވްދާން" ގެ ހާއްސަ ފެނިލުމަކުން ވެސް ބޫމީ ފެނިފައިވެ އެވެ.
މި ފިލްމުތަކުގެ އިތުރުން ވެސް ދެ ތަރިންނަށް އެކީގައި ކުޅެން އިތުރު ފިލްމުތަކެއް ލިބުނެވެ. އޭގެ ތެރޭގައި 2018 ގައި ޑައިރެކްޓަރު އަނޫރާގް ކެޝަޕް ގެނެސްދިން "މަންމަރްޒިޔާ" އާއި އަޔޫޝްމަން ސޮއިކޮށްފައި އޮތް "އިސްތިރީ ރޯގް ވިބާގް" ހިމެނެ އެވެ. ނަމަވެސް އެކިިއެކި ސަބަބުތަކާ ހެދި މި ދެ ފިލްމުގައި އެކީގައި މަސައްކަތްކުރެވޭ ގޮތް ނުވީ އެވެ.
ބޫމީ ކިޔައިދިން ގޮތުގައި އަޔޫޝްމަނަކީ އޭނާ ނަމޫނާއެއްގެ ގޮތުގައި ވެސް ބަލާ އެކްޓަރެކެވެ. ސަބަބަކީ އޭނާ ކުޅެން ހޮވާ ފިލްމުތައް ތަފާތުވުމާއި ބުރަކޮށް މަސައްކަތްކުރުން ހިމެނެ އެވެ.
"އަބަދު ވެސް އަހަރެންގެ ހިތުގައި އޭނަ އަށް ހާއްސަ މަގާމެއް އޮންނާނެ. އަހަންނަށް އަޔޫޝްމަންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ކާމިޔާބު މީހަކަށްވާން އަބަދު ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާކަން. އޭނަ އަށް މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުމުގެ ސިއްރަކީ އެއީ،" ބޫމީ ބުންޏެވެ. "އަހަރެން ފަހުރުވެރިވަން އަޔޫޝްމަނާ ދޭތެރޭ."
އޭނާ ބުނީ އަޔޫޝްމަން ކަހަލަ ތަރިއަކަށްވޭތޯ ވެސް ބަލާ ކަމަށެވެ. އަދި އޭނާ އަކީ މިހާތަނަށް ކުޅުނު ތަފާތު ކޮންޓެންޓްގެ ފިލްމުތަކާ އެކު ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ އެކްޓަރެއް ކަމަށް ބުންޏެވެ.
"އެއް ކަމަކަށް އަހަރެމެންގެ ދެ މީހުންގެ މިޒާޖުގައި ވެސް ހުރޭ އެއްގޮތް ކަންތައްތަކެއް. އެހެންވެ ވަރަށް ބޮޑަށް ހިޔާލު ވެސް އެއްގޮތް. އަހަރެން ބޭނުން އަޔޫޝްމަން ބިނާކުރި ގޮތަށް ކެރިއަރު ބިނާކުރަން. އެކަމަކު އެކަން ވާނެތޯ ނޫންތޯ ބުނާކަށް ނޭނގޭ." ބޫމީ ބުންޏެވެ. "އެކަމަކު އަޔޫޝްމަން ކަހަލަ ތަރިއަކަށްވެވޭތޯ މަސައްކަތްކުރާނަން."
"ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އާއި "ސޯންޗިރައްޔާ" އާއި "ޕަތީ ޕަތުނީ އޯރް ވޯ" އަދި "ސާންޑް ކީ އާނކް" ފަދަ ފިލްމުތައް ކުޅެފައިވާ 30 އަހަރުގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދުރުގާވަތީ" އާއި "ތަޚުތު" ހިމެނެ އެވެ.