ބާސްކެޓްބޯޅަ އިންތިހާބު މި މަހު 20 ގައި
ބާސްކެޓްބޯޅަ އިންތިހާބު މި މަހު 20 ގައި

ހުއްޓުމަކަށް އައިސްފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު މި މަހު 20 ވަނަ ދުވަހުގެރޭ ބާއްވަން ނިންމައިފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި އިންތިހާބު ބޭއްވުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އިންތިހާބު އަދި އޮތީ ނުބޭއްވި އެވެ.

އެމްބީއޭގެ އިންތިހާބު ބާއްވަނީ އެ އިންތިހާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީން މިއަދު ވަނީ މި މަހުގެ 20 ވަނަ ދުވަހުގެރޭ އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ.

އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ސައިކްލޯން ބާސްކެޓްބޯލް ކްލަބްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި އެލްޓީ ސްޕޯޓްސް ކްލަބުން އަހުމަދު މަމްދޫހު (މަންޑޭ) އަދި ކްލަބް އީގަލްސް އިން އަހުމަދު އާދަމް އެވެ.

ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ ހުސެއިން އާރިފް ރިޒާ އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ހަސަން އިސްމާއިލް އެވެ.

ވޯޓުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ކަަމަށް ކޮމިޓީން ކަނޑައަޅާފައިވަނީ 29 ކްލަބެކެވެ. އެ 29 ކްލަބުން ވޯޓުލާނެ ފަރާތެއް މި މަހު 19 ވަނަ ދުވަހު މެންދުރު 12 ޖެހުމުގެ ކުރިން ނަން ހުށަހަޅަން ޖެހެ އެވެ.