13 އެޕްރީލް 2020 - 14:55

ނިއު ދިއްލީ (އެޕްރީލް 13) - ލޮކްޑައުންގެ އަމުރާ ޚިލާފަށް އިންޑިއާގެ އުތުރުގެ އުއްތަރަކަންޑުގެ ރިޝިކޭޝް ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުނު 10 ބިދޭސީއަކަށް 500 ފަހަރު "އަހަރެންނަށް މާފްކުރޭ" ލިޔަން ޖައްސައިފި އެވެ.
މާޗް 25 ވަނަ ދުވަހު އިންޑިއާ ލޮކްޑައުންކޮށްފައި ވަނީ 21 ދުވަހުގެ މުއްދަތަށެވެ. ބޭރަށް ނުކުމެވޭނީ ކާބޯތަކެއްޗާއި ބޭސް ހޯދުން ފަދަ އަސާސީ ބޭނުމެއްގަ އެވެ.
ނަމަވެސް އިޒްރޭލް، މެކްސިކޯ، އޮސްޓްރޭލިއާ އަދި އޮސްޓްރިއާ އަށް ނިސްބަތްވާ ޓޫރިސްޓުން ބޭރުގައި އުޅުނީ އެއްވެސް ބޭނުމެއް ނެތި އެވެ. އެ މީހުން ހިފެހެއްޓި ފުލުސް އޮފިސަރު ވިނޯދު ޝަރްމާ ބުނީ ކޮންމެ މީހަކު ލައްވައި "ލޮކްޑައުން އަމުރާ އަހަރެން ޚިލާފުވެއްޖެ ކަމަށާއި އެހެންވެ އަހަރެންނަށް މާފްކުރޭ" 500 ފަހަރު ލިޔުއްވާފައިވާ ކަމަށެވެ.
ޝަރުމާ ބުނީ ރިޝިކޭޝް ސަރަހައްދުގައި އެމެރިކާ، އޮސްޓްރޭލިއާ، މެކްސިކޯ އަދި އިޒްރޭލަށް ނިސްބަތްވާ 700 ވަރަކަށް ޓޫރިސްޓުން ތިބި ކަމަށެވެ. އެ މީހުން ތަކްރާރުކޮށް ދަނީ ލޮކްޑައުން އަމުރާ ޚިލާފުވަމުން ކަމަށް ޝަރުމާ ބުންޏެވެ.
"ބޭރަށް ނުކުމެ އުޅުނު މީހުންނަށް އަދަބެއް މި ދިނީ އެ މީހުންނަށް ވެސް ފިލާވަޅަކަށް،" ޝަރުމާ ބުންޏެވެ.
ފުލުހުން ބުނީ ޓޫރިސްޓުން އެކަނި ބޭރަށް ނުނެރުމަށް ރިޝިކޭޝް ސަރަހައްދުގައި ހުރި ހޮޓާތަކަށް އަންގާނެ ކަމަށެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި، ލޮކްޑައުން އަމުރާ ޚިލާފަށް ބޭރުގައި އުޅޭ މީހުންގެ ގައިގައި ފުލުހުން ދަނީ ދަނޑިބުރިން ތެޅުން ފަދަ އަދަބުތައް ދެމުންނެވެ.
އުތުރުގެ ޕަންޖާބުގައި ވަނީ ލޮކްޑައުން އަމުރާ ޚިލާފުވި ބަޔަކު ހުއްޓުވަން އުޅުނު ފުލުހުންގެ މީހެއްގެ އަތް ބުރިކޮށްލައިފަ އެވެ. އެ ހާދިސާއާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 9,240 މީހުން ޕޮޒިޓިވްވެ 331 މީހުން މަރުވެފަ އެވެ.