ކޮވިޑް-19: އިޓަލީ އާއި ފްރާންސް އިން މަރުވާ މީހުން ދަށަށް
ކޮވިޑް-19: އިޓަލީ އާއި ފްރާންސް އިން މަރުވާ މީހުން ދަށަށް

ރޯމް (އެޕްރީލް 13) - ޔޫރަޕުގައި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރޭ ދެ ގައުމު ކަމަށްވާ އިޓަލީ އާއި ފްރާންސް އިން މަރުވާ މީހުންގެ އަދަދު ދަށަަށް ދާން ފަށައިފި އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިޓަލީން މަރުވެފައި ވަނީ 431 މީހުންނެވެ. މިއީ މާޗް 19 ވަނަ ދުވަހަށް ފަހު އިޓަލީން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އޭގެ އެއް ދުވަސް ކުރިން އިޓަލީން ވަނީ 619 މީހުން މަރުވެފަ އެވެ.

ފްރާންސްގައި ވެސް ވަނީ ހޮސްޕިޓަލުން މަރުވާ މީހުންނާއި އައިސީޔޫގެ ބަލި މީހުންގެ އަދަދު ދަށްވާން ފަށައިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފްރާންސް އިން މަރުވެފައި ވަނީ 315 މީހުންނެވެ. އޭގެ ކުރީ ދުވަހު ވަނީ 353 މީހުން މަރުވެފަ އެވެ. އެޕްރީލް 6 ވަނަ ދުވަހު ފްރާންސް އިން ވަނީ 605 މީހުން މަރުވެފަ އެވެ.

އައިސީޔޫގައި ފަރުވާ ދޭ މީހުންގެ އަދަދު ފްރާންސްގައި ވަނީ 6،845 އަށް ދަށްވެފަ އެވެ. މިއީ އައިސީޔޫގެ ބަލި މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ހަތަރު ވަނަ ދުވަހެވެ.

ފްރާންސް ވަނީ މާޗް 17 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފަ އެވެ. އިޓަލީ ވެސް މިހާރު އޮތީ ލޮކްޑައުންގަ އެވެ.

އިޓަލީން މިހާތަނަށް ވަނީ 156،363 މީހުން ޕޮޒިޓިވްވެ 19،899 މީހުން މަރުވެފަ އެވެ. ފްރާންސް އިން ވަނީ 132،591 މީހުން ޕޮޒިޓިވްވެ 14،393 މީހުން މަރުވެފަ އެވެ.