ރެއިންބޯ އިން ހުޅުމާލޭގައި އަޅާ 145 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި
ރެއިންބޯ އިން ހުޅުމާލޭގައި އަޅާ 145 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ރެއިންބޯ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ 145 އެޕާޓްމަންޓް ގަންނަން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރެއިންބޯ އިން ހުޅުމާލޭގައި އަޅާ 145 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި
ރެއިންބޯ އިން ހުޅުމާލޭގައި އަޅާ 145 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ހުޅުމާލޭގައި 145 މިކްސްޑް ޔޫޒް ރެސިޑެންޝަލް ޔުނިޓުތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ އޮގަސްޓް ތިންވަނަ ދުވަހު ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. އެޗްޑީސީ އާއި ރެއިންބޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދާ އެޕާޓްމަންޓުތައް ދެ އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

"އޯޝަން ފްރަންޓް ރެސިޑެންސް"ގެ ނަން ދީފައިވާ އެޕާޓްމަންޓުތައް މާކެޓުކޮށް ވިއްކުމުގެ ކަންކަން ބަލަހައްޓާ ރެއިންލޭންޑް ޑިވެލޮޕާސްގެ ފަރާތުން އިބްތިޝާމް އާދަމް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ދެ އިމާރަތަކަށް ވާ ގޮތަށް ހަދާ 145 އެޕާޓްމަންޓުތައް ހުންނާނީ ފެރީ ޓާމިނަލުން ފަސް ވަރަކަށް މިނިޓުން ހިނގާފައި ދެވޭ ހިސާބުގަ އެވެ. ފުރަތަމަ އިމާރާތް އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރާއިރު، ދެވަނަ އިމާރާތުގައި ހުންނާނީ މެދު ފަންތިން ފެށިގެން މަތީގެ އެޕާޓްމަންޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅިއެކު 12 ބުރި އަށް ނަގާ ފުރަތަމަ އިމާރާތުގައި ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 12 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 30 އެޕާޓްމަންޓާއި އެއް ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ ހަ އެޕާޓްމަންޓުގެ އިތުރުން ނުވަ ޕެންޓްހައުސް ހުންނާނެ ކަމަށް އިބްތިޝާމް ވިދާޅުވި އެވެ. ދެވަނަ އިމާރާތް 13 ބުރި އަށް ހަދާއިރު، އެ ތަނުގައި ހުންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ތިން ކޮޓަރީގެ 55 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 33 އެޕާޓްމަންޓެވެ.

މީގެ އިތުރުން، ބޭރުގެ ފަރުނީޗަރާއި އެ ނޫން ވެސް އެ ފަދަ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ހަވާލުކުރާ ގޮތަށް، ތަރައްގީ ކުރާ ކޮންމެ އިމާރާތެއްގެ އެންމެ މަތީ ޓެރަސްގައި އިންފިނިޓީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ޕޫލެއް ހުންނާނެ އެވެ. އަދި ކޮންމެ އިމާރާތެއްގައި ކުޑަކުދިންނަށް ހާއްސަ 5،000 އަކަފޫޓު ބޮޑު ތަނަކާއި ޖިމެއް ވެސް، ހުރިހާ ވަސީލަތްތަކާ އެކު ގާއިމްކުރާނެ އެވެ.

- ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 12 އެޕާޓްމަންޓު (5.5 މިލިއަން ރުފިޔާ)

- ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 30 އެޕާޓްމަންޓު (3.7-3.8 މިލިއަން ރުފިޔާ)

- ތިން ކޮޓަރީގެ 55 އެޕާޓްމަންޓު (3.3-3.4 މިލިއަން ރުފިޔާ)

- ދެ ކޮޓަރީގެ 33 އެޕާޓްމަންޓު (2.4-2.5 މިލިއަން ރުފިޔާ)

- ނުވަ ޕެންޓްހައުސް (6.9 މިލިއަން ރުފިޔާ)

މޫދު ރީއްޗަށް ފެންނާނެހެން، ވަރަށް ހިތްގައިމު ގޮތަކަށް ފަރުމާކޮށްފައިވާ މި އިމާރާތްތަކުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 2.4 އާއި 2.5 މިލިއަން ރުފިޔާ އަށް ވިއްކާއިރު، ތިން ކޮޓަރި ވިއްކަނީ 3.3 އާއި 3.4 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ އެޕާޓްމަންޓުތައް 3.7 އާއި 3.8 މިލިއަން ރުފިޔާ އަށް ވިއްކާއިރު، ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ ތަންތަނުގެ އަގު އުޅެނީ 5.5 މިލިއަން ރުފިޔާ އަށެވެ. އަދި ޕެންޓްހައުސްއެއް ވިއްކަނީ 6.9 މިލިއަން ރުފިޔާ އަށެވެ.

"އެހެން ޕްރޮޖެކްޓުތަކާ ހިލާފަށް މިއީ ތަންކޮޅެއް ދިގު ޕްރޮޖެކްޓެއް، 28 މަހުގެ ޕްރޮޖެކްޓެއް ވީމަ އަޅުގަނޑުމެން ފުރުސަތު އެބަދެން އިތުރު އިކުއިޓީ ދައްކަން. އެއީ ކްލަޔަންޓުންގެ ލޯނު އެމައުންޓް ކުޑަކޮށްލުމުގެ ގޮތުން މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ފުރުސަތު މި ދެނީ އިތުރު އިކުއިޓީ އިންޖެކްޓު ކުރަން،" ރެއިންބޯގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްތިޝާމް ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފަށަން ހަމަޖައްސާފައިވާ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ، އޭނާ ވިދާޅުވި ގޮތުގައި، ތަނުގެ ޖުމްލަ އަގުގެ 20 ޕަސެންޓެވެ. ލޯނު ނަގައިގެން އެޕާޓްމަންޓު ގަންނަން ބޭނުންވާ ނަމަ، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށް ލޯނު ހަމަޖެއްސުމުގެ ފުރުސަތު ވެސް ދެ އެވެ.

ރެއިންބޯ އިން ވަނީ މީގެ ކުރިން ހުޅުމާލޭގައި ތިން އެޕާޓްމަންޓު ކޮމްޕްލެކްސް ހަދާ ނިންމާފަ އެވެ. އަދި އެ ކުންފުނިން ދަނީ ހުޅުމާލޭގައި 20 ރޯ ހައުސް ވެސް އިމާރާތް ކުރަމުންނެވެ.

އެ ތަންތަނާއި "އޯޝަން ފްރަންޓް ރެސިޑެންސް"ގެ ތަފާތަކީ، ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު މިއަދު ވިދާޅުވި ގޮތުގައި، ސާފު ވައި ދައުރުވެ އަދި އަވި ވަންނާނެހެން މި އެޕާޓްމަންޓުތައް ފަރުމާކޮށްފައިވުމެވެ. އަދި އެޕާޓްމަންޓުތަކުގެ ދޭތެރޭގައި އޮންނަ ހުސް ޖާގަ ވެސް ބޮޑުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"... އަޅުގަނޑުމެން ވަކި ސްޓޭންޑަޑްތަކެއް ފޮލޯކުުރަމުން މި ދަނީ،" މާޒިން ވިދާޅުވި އެވެ.

މާލޭގައި މ. މަނާގެ ވެސް 15 ބުރި އަށް ތަރައްގީ ކުރަމުން އަންނަ ރެއިންބޯ އިން ހުޅުމާލޭގައި އަލަށް ތަރައްގީ ކުރާ އެޕާޓްމަންޓުތަކަށް ފޯމު ބަލައިގަންނަން މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއަށް ހާއްސަ ވެބްސައިޓުން ޑައުންލޯޑު ކުރެވޭ ފޯމު ފުރުމަށް ފަހު، އަލިކިލެގެފާނު މަގުން ގ. މާރަނައިގައި ހުންނަ ރެއިންބޯގެ މައި އޮފީހަށް ހުށަހެޅޭނެ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ރާއްޖޭގެ އެންސިސް ފިޝަރީޒް، ރެނާޓަަސް، ދަމާސް، ބެޗް ކޮންސްޓްރަކްޝަން އަދި އެޕޯލޯ ހޮލްޑިންއާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކުން ވަނީ މަސައްކަތް ވެސް ފަށާފަ އެވެ.