12 އެޕްރީލް 2020 - 21:00

ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާތައް އަންނަ ހަފުތާގައި ފަށަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާތީ ޖަލްސާތައް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާ އިން މިރޭ ބުނެފި އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރި ރާއްޖޭގައި ވެސް ބަޔަކު ޕޮޒިޓިވްވެފައިވާ ކޮވިޑް-19އާ ހެދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުގެ އޮފީސްތަކާއި މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓް ޚިދުމަތް ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު މުޅި ނިޒާމް ހުއްޓިފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދެކި އުސޫލެއް އެކުލަވާލައި މަޖިލީހުގެ ޖަލްސާތައް އައީ އޮންލައިންކޮށް ބާއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މި ހަފުތާގައި ދެން ނޯންނާނެ ކަމަށެވެ. އެއީ، މަޖިލީސް ރައީސް ބޭނުންފުޅުވެ، އާއްމު ޖަލްސާތައް ފަށަން މަސައްކަތް ކުރަމުން އަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.
އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައިރު އެންމެފަހުން މަޖިލީހުގައި ބަހުސްކުރަން ފަށާފައި ވަނީ، ކައުންސިލް އިންތިޚާބުގެ ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވިފައިވާތީ އެކަމަށް ހައްލު ހޯދަން ސަރުކާރުން ހުށަހެޅި ބިލާ ގުޅޭ ގޮތުންނެވެ. މި ގާނޫނުގެ އިތުރުން، އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު ދަންމަން، ގާނޫނުއަސާސީ އަށް ވެސް އިސްލާހެއް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ހުށަހަޅުއްވައިފަ އެވެ.
އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު މެމްބަރުންގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ގާނޫނުއަސާސީ އިސްލާހުނުކޮށް އާއްމު ގާނޫނަކުން ކައުންސިލްތަކުގެ ދައުރު ދަންމަން ވެސް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ.
އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަން އުސޫލެއް އެކުލަވާލައި ފެށީ، އެ ވަގުތަކު އޮންނަ ޚާއްސަ ކަންކަމާ ގުޅޭ ގޮތުން ބަހުސްކޮށް، ގޮތް ނިންމުމަށާއި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.