ޓިކްޓޮކުން ކޮވިޑް-19އާ ދެކޮޅަށް 250 މިލިއަން ޑޮލަރު
ޓިކްޓޮކުން ކޮވިޑް-19އާ ދެކޮޅަށް 250 މިލިއަން ޑޮލަރު

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، މަޝްހޫރު ޓިކްޓޮކުން 250 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

ޗައިނާގެ ކުންފުނި ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގެ ރައީސް އެލެކްސް ޒޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައިރަހާ ދެކޮޅަށް މުޅި ދުނިޔެ ކުރާ މަސައްކަތުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓިކްޓޮކުން ދޭ މާލީ އެހީ އަކީ މި ދަނޑިވަޅުގައި އެހީ އަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ އެހީއެއް ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ނައްތާލަން ކުރާ މަސައްކަތަށް އެހީ ހޯދަން ހުޅުވާފައިވާ ރިލީފް ފަންޑްތަކަށް 250 މިލިއަން ޑޮލަރު ދޭން ޓިކްޓޮކުން ނިންމުމާ ގުޅިގެން އޭގެ ތެރެއިން 150 މިލިއަން ހާއްސަކޮށްފައި ވަނީ މެޑިކަލް ސްޓާފުންނާއި މެޑިކަލް ސާމާނު ހޯދުން ފަދަ ކަންކަމަށެވެ.

އެގޮތުން މި އެހީ ހަވާލުކުރަން ނިންމާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އަށެވެ. އަދި އެ ތަންތަން މެދުވެރިކޮށް ޓިކްޓޮކުން ދިން އެހީން އެހީތެރިކަން ފޯރުކޮށް ދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި އިންޑޮނީޝިއާ އާއި އިޓަލީ އަދި ދެކުނު ކޮރެއާ ހިމެނެ އެވެ.

މީގެ އިތުރުން ޓިކްޓޮކުން ދޭން ނިންމި 250 މިލިއަން ޑޮލަރުގެ ތެރެއިން 40 މިލިއަން ޑޮލަރު އެހީ ހަދިޔާކުރަން ނިންމާފައި ވަނީ ޓިކްޓޮކް ކޮމިއުނިޓީ ތަމްސީލުކޮށްދޭ ފަރާތްތަކަށެވެ. އޭގެ ތެރޭގައި މިއުޒިޝަނުންނާއި ނަރުހުންނާއި ކުރެހުންތެރިންނާއި އުނގަންނައިދޭ މީހުން ހިމެނެ އެވެ. އަދި 10 މިލިއަން ޑޮލަރު "ކްރިއޭޓީވް ލާނިން ފަންޑް" ގެ ނަމުގައި ދޭން ނިންމާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ކުރިއަށް ގެންދާ ޑިސްޓެންސް ލާނިން ޕްރޮގްރާމްތަކަށެވެ.

ކޮވިޑް-19އާ ދިމާކޮށް އެހީ ދީފައިވާ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި އެޕަލް އާއި ގޫގުލް އާއި ޓެސްލާ އާއި ފޭސްބުކާއި ނެޓްފްލިކްސް އާއި އަލީބާބާ އާއި މައިކްރޮސޮފްޓާއި އެމެޒޯން ފަދަ ކުންފުނިތައް ހިމެނެ އެވެ