ޑަލްގޯނާ ކޮފީ ހަދައިފިން؟
ޑަލްގޯނާ ކޮފީ ހަދައިފިން؟

ކޮފީ އަކީ އެންމެން ވެސް ވަރަށް ގަޔާވާ އެއްޗެކެވެ. ބައެއް މީހުންނަކީ ކޮންމެ ދުވަހަކު ދެތިން ހަތަރު ކޮފީ ބޯލާ މީހުންނެވެ. ނަމަވެސް މި ދުވަސްކޮޅަކީ ކޮރޯނާވައިރަހާ ހެދި އެންމެންނަށް ވެސް ގޭގައި ތިބެން ޖެހިފައިވާ ވަގުތެކެވެ. ކެފޭ/ރެސްޓޯރަންޓްތަކަށް ގޮސްގެން ކޮފީއެއް ބޯލުމަކީ މިހާރު އެހާ ފަސޭހަ ކަމެއް ނޫނެވެ.

އެހެންވެ މި ދުވަސްވަރު ދެކެވެނީ މާ ގިނަ ބަޔަކު ގޭގައި ތިބެގެން ޑަލްގޯނާ ކޮފީ ހަދައިގެން ބޯ ވާހަކަ އެވެ. މި ކޮފީ އެކި މީސްމީހުން ތައްޔާރުކުރާ ވީޑިއޯތައް އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މިހާރު ގަދަޔަށް އެބަ އެނބުރެ އެވެ.

އެކަމަކު މި ޑަލްގޯނާ ކޮފީ އަކީ ކޯޗެއް ހެއްޔެވެ؟ ގިނަ ބަޔަކު ފުރަތަމަ ބަލަން ބޭނުން ވަނީ އެކަމެވެ. ނަމަވެސް ކޮފީ އަށް ލޯބިކުރާ މީހުންނަށް ޑަލްގޯނާ އަކީ ވެސް ހަމަ ވަރަށް ރަނގަޅު ބުއިމަކަށް ވެދާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޑަލްގޯނާ ކޮފީ އަކީ ދެކުނު ކޮރެއާ އިން ތިލަވެގެން އުޅޭ ރެސިޕީއެކެވެ. އަދި މި ކޮފީ އަކީ އިންޑިއާގެ ކޮފީގެ ބުއިމެއް ކަމަށްވާ ފެންތީ ހުއީ ކޮފީގެ އާއިލާގެ ވެސް އެއްޗެކެވެ.

މިއަށް ދެތިން ނަމަވެސް ކިޔައި އުޅޭ ކަމަށްވެ އެވެ. އޭގެ ތެރޭގައި ވިޕްޑް ކޮފީ އަދި ކްލައުޑް ކޮފީ ހިމެނެ އެވެ. މިފަދަ ނަންތަކެއް ކިޔާ ސަބަބެއް ކަމަށް ވަނީ ކޮފީތަށީގެ މަތީގައި ހުންނަ އޮލަކޮށް ހުންނަ ކޮފީގަނޑުގެ ސަބަބުންނެވެ.

މީގެ ރެސިޕީ އާއި ޔޫޓިއުބްގައި ގެނެސްދީފައި ހުރި ޓިއުޓޯރިއަލް އަށް ބަލާ އިރު މި ހަދަން މާ އުނދަގުލެއް ނުވާނެ އެވެ.

2 ސަމުސާ ކޮފީ

2 ސަމުސާ ހަކުރު

ކިރު (ޕެކެޓް ކިރު/ހަކުރާ ނުލައި ގިރާފައި ހުރި ކިރު ވެސް ރަނގަޅުވާނެ)

ބައި ޖޯޑު ހޫނުފެން

އައިސް ކިއުބް

ފުރަތަމަ ކޮފީ އާއި ހަކުރާއި ހޫނު ފެން ބޯތައްޓަކަށް އަޅާފައި އޮލަވަންދެން ގިރައިލާށެވެ. މިކްސަރުން ނުވަތަ ވިސްކަރަކުން ވެސް މިކަންކޮށްލެވިދާނެ އެވެ.

އެއަށް ފަހު ބިއްލޫރު ތައްޓެއްގެ ތެރެއަށް ދެތިން އައިސް ކިއުބް އަޅާފައި ތަށީގެ ހަތަރު ބައި ކުޅަ ތިން ބަޔަކަށް ކިރު އަޅައިލާށެވެ. ދެން އޭގެ މައްޗަށް ކުރިން ތައްޔާރުކުރި އޮލަ ކޮފީ ސަމުލަކުން ރީތިކޮށް އަޅައިލީމާ އެހެރީ މިކިޔާ ޑަލްގޯނާ ކޮފީ ތައްޔާރުކުރެވިފަ އެވެ. ބޯލަންވީމާ ސަމުސަލަކުން ހަލުވައިލާފައި ބޯލާނީ އެވެ.

މި ރެސިޕީގައި ކިޔައިދީފައި އިނީ ފިނިކޮށް ޑަލްގޯނާ ކޮފީ ތައްޔާރުކުރާނެ ގޮތް ކަމަށް ވިޔަސް ހޫނުކޮށް ވެސް ހެދިދާނެ އެވެ. ގެންނާނެ ހަމައެކަނި ތަފާތަކީ ހޫނު ކިރު ބޭނުންކުރުމެވެ.