ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ
ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ހަވާލުވެ ވަޑައިގަތުމަށް ސިވިލް ކޯޓުން އަމުރު ނެރުމާ ގުޅިގެން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ކައުންސިލް ބައްދަލުވުމެއް މި ބާއްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސަތުގައި އިންނަވައިގެން މިއަދު ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. ޕީޕީއެމްގެ ރަސްމީ އޮފީހުގައި މައުމޫން އެ ބައްދަލުވުން ބޭއްވެވީ ކޯޓު އަމުރަށް ފަހު އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސްކަމުން އިއްޔެ ވަކިކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމާ އެކު ކައުންސިލް ބައްދަލުވުން ބޭއްވުމުގެ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މައުމޫނަށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި ޕާޓީގެ ރައީސްކަމުން މައުމޫން ވަކިކުރަން ހުށަނާޅާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ ކައުންސިލް ބައްދަލުވުމެއް ބާއްވަން ތަކުރާރުކޮށް މައުމޫންގެ އަރިހުން އެދިވަޑައިގަތުމުން ވެސް އެގޮތަށް އަމަލު ނުކުރެއްވުމުންނެވެ.

"ޕާޓީގެ ރިޔާސަތުގައި ރައީސް މައުމޫން ހުންނަވައިގެން މި ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ އަސާސީ ގަވާއިދާ ހިލާފަށް ކުރާ ކަންތައްތަކެއް. ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މުސްތަޝާރު (ޔާމީން) ވިދާޅުވި މިރޭ ނުވައެއް ޖަހާއިރު ޕާޓީގެ ކައުންސިލް ބައްދަލުވުން ބޭއްވުމުގެ މަސައްކަތް ކުރިއަށް ގެންދަން."

މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޕާޓީގެ މުސްތަޝާރަށް، ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް އަސާސީ ގަވާއިދުގައި ދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން ކޯޓުން ކުރި އަމުރު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިރޭގެ ބައްދަލުވުމުގައި ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުންނާއި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ މައުމޫން ކުއްލިއަކަށް ކައުންސިލަށް ބޭފުޅުންތަކެއް އައްޔަން ކުރެއްވީ ކައުންސިލްގެ މަޝްވަރާއެއް ނެތި ކަމަށެވެ. އެހެންކަމުން މިރޭގެ ބައްދަލުވުމުގައި އެ ބޭފުޅުންނަށް ދައުވަތު ނުދެއްވާނެ ކަމަށް ނިހާނު ވިދާޅުވި އެވެ.

މައުމޫން ވަނީ ޕީޕީއެމް ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މައުމޫންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާން ކައުންސިލަށް އައްޔަންކުރައްވާފަ އެވެ. އެ ދެ ބޭފުޅުން އައްޔަންކުރެއްވީ އަބްދުއްރަހީމާއި ޒާހިދު ރަމީޒު މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ.

އަބްދުއްރަހީމާއި ޒާހިދު ކައުންސިލުން ވަކިކުރެއްވި ކުރެއްވުން މިއަދުގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.