12 އެޕްރީލް 2020 - 15:00

ޖެނީވާ (އެޕްރީލް 12) - ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޫނުދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން އިލްތިމާސްކޮށްފި އެވެ.
ޑަބްލިއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ފިޔަވަޅުތަކަށް ދޫ ދިނުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެފަދަ ކަމެއް ކޮށްފި ނަމަ ކޮރޯނާވައިރަސް އަނެއްކާ ވެސް ފެތުރެން ފަށާނެ ކަމަށެވެ.
ޖެނީވާގައި ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ ޔޫރަޕުން ވައިރަސް އެންމެ ބޮޑަށް ފެތުރުނު ގައުމުތައް ކަމަށްވާ އިޓަލީ، ސްޕޭން، ޖަރުމަން އަދި ފްރާންސް އިން ރޯގާ ކޮންޓްރޯލް ކުރެވިދާނެކަމުގެ އުއްމީދީ މަންޒަރުތައް ފެންނަމުން އަންނަ ކަމަށެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ހާލަތު ދަނީ ގޯސްވަމުން ކަމަށާއި އެފްރިކާގެ 16 ގައުމެއްގައި މުޖްތަމައުގައި ބަލި ފެތުރޭ ހާލަތަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގައި އުޅޭ ސިއްހީ އޮފިޝަލުންނަށް ބަލި ޖެހޭ ނިސްބަތް އިތުރުވުމަކީ ވެސް ޑަބްލިއެޗްއޯގެ ކަންބޮޑުވުމެއް ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުގެ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ލޮކްޑައުން ކުރުމާއި ސޯޝަލް ޑިސްޓެންސް އަދި ކާފިއު ހިންގުން ހިމެނެ އެވެ.
ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ މުޅި ދުނިޔޭގައި 1,781,106 މީހުން ޕޮޒިޓިވްވެ 108,854 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 404,554 މީހުންނެވެ.