12 އެޕްރީލް 2020 - 12:47

ރިއޯ ޑި ޖެނީރޯ (އޭޕްރިލް 12) – އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އުޅޭ ކަމަށް އަޑުއަރާފައިވާ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް ޔޫރަޕުގެ އެހެން ޓީމަކަށް ބަދަލުވެދާނެ ކަމަށް ހީނުވާ ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ރިވާލްޑޯ ބުނެފި އެވެ.
މެސީ އާއި ބާސެލޯނާއާ ދެމެދު މައްސަލަތަކެއް އުޅޭތީއާ އެކު އޭނާ ވަރަށް އަވަހަށް އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބެލެވެ އެވެ. މި ސީޒަނަށް ފަހު، ނިސްބަތުން ހެޔޮ އަގަކަށް ކްލަބް ބަދަލުކުރުމުގެ ފުރުސަތު ކޮންޓްރެކްޓުން މެސީ އަށް ލިބޭ ވެސް މެ އެވެ.
ކުރިން ބެލެވިފައި އޮތީ މެސީ ބާސެލޯނާ އަށް ފަހު ދެން ގުޅޭނީ އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސްއާ އެވެ. އެކަމަކު މިހާ އަވަހަށް ބަދަލުވާ ނަމަ އޭނާ ބޮޑު ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ.
މެސީއާ ވާދަވެރި، ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ޔުވެންޓަސް އިން ހޯދާފައިވާތީއާ އެކު، ވާދަވެރި އިންޓަ އިން މެސީ އަށް މަސައްކަތްކުރާ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ. އެ ކްލަބުގެ ކުރީގެ ރައީސް މަސިމޯ މޮރާޓީ ވަނީ މެސީ އެ ޓީމަށް ގެނައުމަކީ ނުވާނެ ކަމަށް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ރިވާލްޑޯ ބުނީ މެސީ، ސްޕެއިން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަކު އެފަދަ ދުވަހެއް އައި ނަމަވެސް އޭނާ ގުޅޭނެ ކަމަށް ބެލެވެނީ އެމެރިކާގެ މޭޖާ ލީގު ނުވަތަ ޗައިނާގެ ސުޕަ ލީގާ ކަމަށެވެ.
'ޝައްކެއް ނެތް، އިންޓަ އަކީ މީގެ ކުރިން ވެސް މޮޅު އެތައް ކުޅުންތެރިން ގެނެސް މުހިއްމު ތަށިތަކެއް ކާމިޔާބުކޮށްފައިވާ ޔޫރަޕުގެ ވަރުގަދަ ޓީމެއް. އެކަމަކު އަހަރެންގެ ހިޔާލަށް ނުގެނެވޭ މެސީ ބާސެލޯނާގެ އެންމެ މަތީ މަގާމުގައި ހުއްޓާ އެހެން ކްލަބަށް ބަދަލުވާނެތަނެއް،" ބާސެލޯނާ އަށް 1997-2002 އަށް ކުޅުނު ބްރެޒިލްގެ ރިވާލްޑޯ ބުންޏެވެ.