12 އެޕްރީލް 2020 - 13:31

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރިސޯޓުތަކުގައި ބްލަޑް ކޭމްޕުތައް ހިންގުން ހުއްޓާލާފައިވާތީ އާންމުން ލޭ ހަދިޔާކުރަން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އަނެއްކާ ވެސް އެދިއްޖެ އެވެ.
އެމްބީއެސް އަށް އާންމުކޮށް ލޭ ހަދިޔާކުރަނީ، ރިސޯޓުތަކުގައި ހިންގާ ބްލަޑް ކޭމްޕްތަކުންނެވެ. މި ކޭމްޕުތައް ހިންގުން ހުއްޓާލުމުން، އެމްބީއެސް އަށް ލޭ ލިބޭ މިންވަރު މަދުވެއްޖެ ކަމަށް ބުނެ، އާންމުންގެ އެހީ އަށް އެމްބީއެސް އިން އެދުނީ މިދިޔަ މަހުގެ 18 ގަ އެވެ. ހަފްތާއަކަށް ވާ ވަރަށް ލޭ ލިބުނު ކަމަށް އޭގެ ހަފްތާއެއް ފަހުން އެމްބީއެސް އިން ބުންޏެވެ.
އެމްބީއެސް އިން ޓްވިޓާ މެދުވެރިކޮށް މިއަދު ބުނީ، އެތަނުގެ ސްޓޯރޭޖްގައި މިހާރު ލޭ ހުރީ ވަރަށް މަދުން ކަމަށެވެ. އަދި ހާއްސަކޮށް އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭ ހުރި މިންވަރު މަދު ކަމަށާއި ހުކުރު އަދި ހޮނިހިރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 3:00 އަށް ލޭ ހަދިޔާ ކުރެވޭނެ ކަމަށް ވެސް އެމްބީއެސް އިން ބުނެފައި ވެ އެވެ.
"ފުރާނައެއް ސަލާމަތް ކުރަން ލޭ ހަދިޔާކުރައްވާ،" އެމްބީއެސް އިން އެދިފައި ވެ އެވެ.
އުމުރުން 18 އަހަރުވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެ އެވެ. ލޭ ހަދިޔާ ކުރެވޭނީ، އެ މީހެއްގެ ހިމަގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށެވެ. ހިމޮގްލޮބިން ކައުންޓާއި ލޭގެ ގްރޫޕް ނޭނގޭ ނަމަ، އެމްބީއެސް އަށް ދިއުމުން އެ ދެ ކަންތައް ބަލައިދޭނެ އެވެ.
ލޭ ހަދިޔާ ކުރަން މިދިޔަ މަހު އެދުމުން، ވަރަށް ގިނަ ޒުވާނުން ލޭ ހަދިޔާ ކުރި ކަމަށް އެމްބީއެސް އިން ބުނެފައި ވެ އެވެ. އަދި ލޭ ހަދިޔާކުރައްވާ މީހުންނަށް އެތަނުން ޝުކުރު އަދާ ކުރެ އެވެ.
ސިއްހަތު ރަނގަޅު މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާ ކުރެވޭނެ އެވެ. އެމްބީއެސް އިން އެދެނީ ލޭ ހަދިޔާ ކުރުން އާދައަކަށް ހަދާށެވެ.