ޕޮގްބާ ކުޅެން ނުކުންނަން ކެތްމަދުވެފައި
ޕޮގްބާ ކުޅެން ނުކުންނަން ކެތްމަދުވެފައި

މެންޗެސްޓާ (އޭޕްރިލް 12) – ކޮރޯނާވައިރަހުގެ ހާލަތު ރަނގަޅުވުމުން ފުޓްބޯޅަ އަލުން ފަށާއިރު، އަނިޔާގެ ސަބަބުން ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަން ކެތްމަދުވެފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ކުޑަހުޅުގެ އަނިޔާއެއްގެ ސަބަބުން، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ އަށް މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދެވުނީ އެންމެ އަށް މެޗެވެ.

"އަހަރެން މިހާރު ވެސް މި އަންނަނީ ތަމްރީންތައް ހަދައި ބޯޅައާ އެކު ފަރިތަކުރަމުން،" ޕޮގްބާ ބުންޏެވެ.

އޭނާ ބުނީ ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ފޫހިވެފައިވާ ކަމަށާއި މިހާރު އޭނާ ހުރީ ގާތްގަނޑަކަށް އެނބުރި އައުމާ ގާތުގައި ކަމަށާއި މި ވަގުތު ސިކުނޑީގައި އެނބުރެނީ، އެނބުރި އައިސް ފުލް ސްކޮޑާ އެކު ފަރިތަކުރުން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެންމެ ފަހުން ކުޅުނު ޕޮގްބާ ބުނީ އޭނާ މިކަން ނަގަނީ ޕޮޒިޓިވްކޮށް ކަމަށާއި މީގެ ސަބަބުން އެނބުރި އައިސް ކުރިއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާވަރު މަތިވެއްޖެ ކަމަށާއި އަދި މީގެ ސަބަބުން އޭނާ ފުޓްބޯޅަ ދެކެ ލޯބިވާ ވަރު ވެސް އެނގިއްޖެ ކަމަށް ޕޮގްބާ ބުންޏެވެ.

މެންޗެސްޓާގެ ޔޫތު އެކަޑަމީން ތަމްރީންވެ، ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ ޔުވެންޓަސް އަށް 2012 ގައި ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށްވެ އޭގެ ފަހުން ދުނިޔޭގެ ރެކޯޑް އަގެއްގައި ޔުނައިޓެޑާ ގުޅުނު ޕޮގްބާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަފާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ. އެގޮތުން އޭނާ ގޮސްދާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑް ނުވަތަ ޔުވެންޓަސް އަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ތަށްޓަށް ވާދަނުކުރާ ނަމަ ޕައުލް ޕޮގްބާ އެ ޓީމުގައި ހުންނަން ހިތްހަމަނުޖެހޭނެ ކަމަށް ބުނެ އޭނާ މި ސީޒަން ނިމުމުން ކްލަބް ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް އޭޖެންޓް މިނޯ ރައިއޯލާ ވަނީ ފެބްރުއަރީ މަހު ދީފަ އެވެ.