12 އޮކްޓޯބަރ 2016 - 16:17

ޖެނީވާ (އޮކްޓޯބަރު 12) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމަކީ މުޅި ދުނިޔެ އަށް ވެސް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ވާހަކަ ދައްކަވަމުން ޒައިދު ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ދައްކަވާފައިވާ ވާހަކަތައް ގަބޫލް ނުކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ނަޒަރަކުން ބަލާ އިރު ޓްރަމްޕުގެ ވެރިކަމެއްގައި ދުނިޔެ އަށް ނުރައްކާ ކުރިމަތިވާނެ ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒައިދު ވަނީ ވިދާޅުވެފަ އެވެ.
ޒައިދުގެ ވާހަކަތައް ރަޝިޔާ އިން ވަނީ ވަގުތުން ކުށްވެރިކޮށްފަ އެވެ. އދ. އަށް ކަނޑައަޅާފައި ހުނަން ރަޝިޔާގެ ސަފީރު ވިދާޅުވީ ގައުމެއްގެ ވެރިކަމަށް އަންނަން އުޅޭ ފަރާތަކަށާއި ބޭރުގެ ސަރުކާރުތަކަށް ފާޑު ކިޔުމަކީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
އަންނަ މަހު 8 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓްރަމްޕް ވަނީ އޭނާ އިންތިޚާބު ވެއްޖެ ނަމަ އެމެރިކާ އަށް މުސްލިމުން ވަނުން މަނާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ކެމްޕޭނުގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް އޭނާގެ ޕާޓީގެ އިސް ބޭފުޅުން ވެސް ދަނީ ކުށްވެރި ކުރައްވަމުންނެވެ.