12 އެޕްރީލް 2020 - 12:31

ވޮޝިންޓަން (އެޕްރީލް 12) - ކޮރޯނާވައިރަހުގައި އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އެމެރިކާ ވެއްޖެ އެވެ.
ކޮރޯނާވައިރަހުގައި އެންމެ ގިނައިން މިހާތަނަށް މީހުން މަރުވަމުން އައީ އިޓަލީންނެވެ. ނަމަވެސް އިޓަލީ އަށް ވުރެ އެމެރިކާގައި މަރުވާ ރޭޓް މިހާރު މާ މައްޗަށެވެ. އިޓަލީން 19،468 މީހުން މަރުވެފައިވާ އިރު އެމެރިކާ އިން ވަނީ 20،580 މީހުން މަރުވެފަ އެވެ. އެމެރިކާ އިން ވަނީ 533،115 މީހުން ޕޮޒިޓިވްވެފަ އެވެ. އެމެރިކާގައި އެންމެ ހާލަތު ގޯސް ނިއު ޔޯކުން ވަނީ 8،627 މީހުން މަރުވެ 181،144 މީހުން ޕޮޒިޓިވްވެފަ އެވެ. ނިއު ޔޯކުގައި ޕޮޒިޓިވްވި މީހުން ތިބި އަދަދަށް، އެމެރިކާ ފިޔަވައި، އެހެން އެއްވެސް ގައުމެއްގައި ނެތެވެ.
އެމެރިކާގައި މީހުން މަރުވާ ރޭޓް އިތުރުވުމާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ސޯޝަލް ޑިސްޓެންސިންގެ މުއްދަތު މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މުޅި ދުނިޔެއިން މިހާތަނަށް ވަނީ 1.78 މިލިއަން މީހުން ޕޮޒިޓިވްވެ 108،854 މީހުން މަރުވެފަ އެވެ.
އެމެރިކާ: 20,580
އިޓަލީ: 19,468
ސްޕޭން: 16,606
ފްރާންސް: 13,832
އިނގިރޭސި ވިލާތް: 9,875
އީރާން: 4,357
ބެލްޖިއަމް: 3,346
ޗައިނާ: 3,339
ޖާމަނީ: 2,871
ނެދަލޭންޑްސް: 2,643