12 އެޕްރީލް 2020 - 11:50

މާލޭގެ ގެތަކުގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން، ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލު ކުރަން މި ފެށީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގަ އެވެ. ތޮއްޖެހުން ބޮޑު ތަންތަނުގައި ފަސޭހަކަމާ އެކު ފެތުރި ނުރައްކާ ހާލަތަކަށް ދިއުމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ސިފައިންނާއި ފުލުހުންގެ އިތުރުން ސިޓީ ކައުންސިލާއި އިމިގްރޭޝަން ގުޅިގެން މިއަދު ފެށި އޮޕަރޭޝަންގައި 200 ބިދޭސީން ވަނީ ހުޅުމާލޭގައި ހުންނަ ތަނަކަށް ބަދަލުކޮށްފަ އެވެ.
އެ ބިދޭސީން ދިރިއުޅުނު ގެތަކުން ބަސްތަކުގައި ހުޅުމާލެ ގެންގޮސް އެ ބިދޭސީން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް، "މިހާރު" އަށް ވިދާޅުވީ އެ ބިދޭސީން ބައިތިއްވަނީ ހުޅުމާލޭގައި ކުރިން ވެސް ބިދޭސީން އެކޮމަޑޭޝަންއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި 1،000 މީހުންގެ ޖާގައިގެ ތަނެއްގައި ކަމަށެވެ. ބިދޭސީން ތިބުމާއި ކެއުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަނީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުން ސަރުކާރުގެ ހަރަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ޑޭޓާ ބޭސްއެއް އެކުލަވާލައި އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.
"ސޯޝަލް ޑިސްޓެންސްއެއް ބަހައްޓައިގެން އުޅެވޭ ވަރަށް ބިދޭސީން ކޮޓަރިތަކަށް ލައިފައި ވާނީ. އެ ބިދޭސީން އެތަނުން ވަދެ ނުކުމެ އުޅުމަށް އެއްވެސް ދައްޗެއް ނޯންނާނެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ހުޅުމާލޭ އެކޮމަޑޭޝަންގެ އިތުރުން ގުޅީފަޅުން ވެސް އިތުރު އެކޮމަޑޭޝަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1،500 އެއްހާ ބިދޭސީން ރަނގަޅު ފެންވަރެއްގެ އެކޮމަޑޭޝަންތަކަށް ބަދަލުކުރާނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ކުރިން ވިދާޅުވީ އެއް ކޮޓަރީގައި 50 ބިދޭސީން އުޅޭ ތަންތަން ވެސް މާލޭގައި އެބަހުރި ކަމަށެވެ. އެގޮތުން ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ 200 ވަރަކަށް ތަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.