12 އެޕްރީލް 2020 - 12:24

ކޮވިޑް-19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހިރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 8.5 - 13 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓޭނެ އެވެ. މި ހާލަތު ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުވެފައި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓުމަކަށް އައިސްފައިވުމެވެ.
ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައި ވާއިރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. ފާއިތުވެދިޔަ އަހަރުތަކުގަައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އައި އިގްތިސާދު އޮތް ގައުމުތައް ހިމެނެނީ މި ސަރަހައްދުގަ އެވެ.
އިގްތިސާދަށް އަންނަ މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގެ ފަރަގުތައް އިންތިހާ އަށް މަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އާމްދަނީގެ ފަރަގު ބޮޑުވުމާ އެކު ފަގީރުންގެ ނިސްބަތް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ވަޒީފާ ގެއްލޭ މީހުންގެ އަދަދު އެންމެ ގިނަވާނީ ސައުތު އޭޝިއާގެ ގައުމުތަކުގަ އެވެ. މި ހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ ވިޔަފާރިތަކަށް ރިކަވަރީ ލޯނު ދިނުމުގައި ވަޒީފާތަކުން މީހުން ވަކިނުކުރާ ކުންފުނިތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޝަރުތުކޮށްފަ އެވެ.
ވޯލްޑް ބޭންކުން ވަނީ މިހާރު ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތު ރަނގަޅުވާން ފެށުމާ އެކު، ހުރިހާ ގައުމުތަކުން ވެސް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމަށް ގޮވާލައިފަ އެވެ. މި އުސޫލުތައް އެކުލަވައިނުލާ ނަމަ އިއާދަ ނުކުރެވޭ ވަރަށް ގައުމުތަކުގެ އިގްތިސާދު ވެއްޓިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.