13 އެޕްރީލް 2020 - 08:33

ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިގެން އާމްދަނީ ނުލިބޭ ކަމަށް، މިހާރު އިންޑިއާގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް ބުނެފި އެވެ.
ބޮލީވުޑްގެ އެތައް ފިލްމަކަށް މިހާތަނަށް މަޝްހޫރު އެތައް ލަވައެއް ކިޔައިދީފައިވާ ހުނަރުވެރި ފަންނާނު ސްޕޮޓްބޯއި އަށް ދިން އިންޓަވިއުއެއްގައި ބުނީ އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ ލައިވް ޝޯތައް ކަމަށެވެ.
"ފިލްމުތަކަށް ލަވަކިޔުމަކީ ފައިސާ ލިބޭ ކަމެއް ނޫން. އެކަން ބިނާވެފައި އޮންނަނީ އެ ލަވައެއް ހިޓްވާ މިންވަރެއްގެ މައްޗަށް. އަދި ލައިވްޝޯތަކުން ލޮިބޭ އެއްޗަކަށް." ނޭހާ ބުންޏެވެ.
ފިލްމުތަކަށް ލަވަކިޔައިގެން އާމްދަނީ ނުލިބުނަސް ޝަކުވާއެއް ނެތް ކަމަށާއި ލައިވް ޝޯތަކަކާ އެކު، ރަނގަޅު އެއްޗެއް ލިބޭ ކަމަށް ނޭހާ ބުންޏެވެ. އޭނާ އަކީ މިހާރު އިންޑިއާގެ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
ނޭހާ ބުނިގޮތުގައި ފިލްމުތަކަށް ކިޔައިދޭ ލަވަތައް ވަރަށް ބޮޑަށް މަޝްހޫރުވެ، އާންމުންގެ މެދުގައި މަގުބޫލުވާތީ ޝޯތަކުން ރަނގަޅު އެއްޗެއް ލިބެން މަގުފަހިވެ އެވެ.
ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" އާއި ޒީ ޓީވީގެ "ސާރޭގާމާޕާ ލިޓްލް ޗެމްޕްސް" ފަދަ ޝޯތަކުގައި ޖަޖްކަންކޮށްފައިވާ ނޭހާ މި ފަހުން ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދިލްބަރު" އާއި "ދީމީ ދީމީ" އާއި "އާނކް މާރޭ" އާއި "ކާލާ ޗަޝްމާ" އާއި "ކޮކަ ކޯލާ" އާއި އޭކް ތޮ ކަމް ޒިންދަގާނީ" އާއި "ގަރްމީ" އާއި "އޮ ސާކީ ސާކީ" ގެ އިތުރުން "މާހީ ވޭ" އާއި "ތޫ ޗީޒް ބަޅީ ހެ މަސްތު މަސްތު" ހިމެނެ އެވެ.
ނޭހާ، 31، އަކީ ފިލްމުތަކަށް ލަވަކިޔުމުގެ އިތުރަށް އިންޑެޕެންޑެންޓް ލަވަތައް ކިޔާ ފަންނާނެކެވެ. އޭނާ މަޝްހޫރުވީ ވެސް އެގޮތަށެވެ.