12 އެޕްރީލް 2020 - 10:39

ކޮވިޑް-19 އާ ގުޅިގެން ބޭންކު ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދޭން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 12،000 ލޯނު ފަސްކޮށްދޭން އެދި ހުށަހަޅައިފައިވާ ކަމަށް ބީއެމްއެލުން ބުނެފި އެވެ.
ބީއެމްއެލުން މި ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެގޮތުން އެ ބޭންކުން ވަނީ ލޯނާ ގުޅޭ މައުލޫމާތާއި ލޯނު އަނބުރާ ދައްކަން ޖެހޭ ގޮތުގެ މައުލޫމާތު ހިމެނޭހެން ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ. ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ޖެހޭނީ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.
ބީއެމްއެލުން ބުނީ ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ލޯނު ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ އެކަމަށް އެދި ހުށަހަޅާ މަހުން ފެށިގެން ކަމަށް ވެސް ބޭންކުން ބުންޏެވެ. މި ފުރުސަތަށް އެދި ހުށަހަޅާ މީހުން ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ އެވެ.
ލޯނު ފަސްކޮށްދޭން އެދޭ މީހުން ކުރިއަށް އޮތް ހަ މަސް ދުވަހު އެއްވެސް ފައިސާއެއް ބޭންކަށް ދައްކާކަށް ނުޖެހޭނެ އެވެ. މި މުއްދަތުގައި އިންޓަރެސްޓުގެ މައްޗަށް އިންޓަރެސްޓެއް ވެސް ނާރާނެ އެވެ. އަދި ފުރަތަމަ ހަ މަހަށް ފަހު އިތުރު ހަ މަސް ދުވަސް ވަންދެން ދައްކަން ޖެހޭނީ އާއްމުކޮށް ދައްކަން ޖެހޭ އަދަދަށްވުރެ 20 ޕަސެންޓު ކުޑަ އަދަދެކެވެ.
ލޯނު ދައްކަން އޮންނަ ބާކީ މުއްދަތުގެ ތެރޭގައި ފަސްކުރި ފުރަތަމަ ހަ މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށް ފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެ އެވެ. ބީއެމްއެލުން ވަނީ މި ލޯނު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ހަ މަސްދުވަސް އިތުރު ކޮށްފަ އެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުގެ ބީއެމްއެލް އިސްލާމިކްގެ ދަށުން ނަގާފައިވާ ޕާސަނަލް އާއި ހައުސިން، އަދި ބިޒްނަސް ފައިނޭންސިންގެ ތެރެއިން މުރާބަހާ ފައިނޭންސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށް ވެސް ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.