ދިވެހި ސިނަމާގެ ވަރުގަދަ އަންހެނުން
ދިވެހި ސިނަމާގެ ވަރުގަދަ އަންހެނުން

ފިލްމެއް ނުވަތަ ޑްރާމާއެއް ވެސް ބެލުންތެރިންނާ ހަމަ އަށް އަންނަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންނެވެ. ދިވެހި ފިލްމު އިންޑަސްޓްރީ އަކީ އަދި އެހާ ދުވަސްވީ އިންޑަސްޓްރީއެއް ނޫނަސް، މި ދާއިރާ އިން އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ މީހުން ބައިވަރެވެ.

ދިވެހި ސިނަމާ އިން ފެނުނު އަދި ފެންނަ ވަރުގަދަ އަންހެން ފަންނާނުންގެ ހަނދާން އާކޮށްލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އެ ބަތަލާއިން ކޮށްފައިވާ މަސައްކަތްތަކާއި ފިލްމީ ދާއިރާ އަށް ކޮށް ދީފައިވާ އަދި ކޮށްދެމުން އަންނަ ހިދުމަތްތަކުގެ ސަބަބުން ހަމަ އެއީ ލެޖެންޑުންގެ ދަރަޖަ ދޭން ޖެހޭ ވަރުގެ ބައެކެވެ.

މިއީ ދިވެހި ސިނަމާ އިން ފެނުނު އެންމެ ވަރުގަދަ އެއް އަންހެން ޝަހުސިއްޔަތެވެ. މަރުހޫމާ ހާޖަރާ އަބްދުލްކަރީމަކީ ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ތަރިއެކެވެ. އޭނާގެ އެންމެ ހާއްސަ ކަމަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާކަމެވެ. އެގޮތުން ނުފޫޒު ގަދަ ރޯލްތަކާއި ކޮމެޑީ ރޯލްތަކުން ވެސް ހާޖަރާ ފެނިފައިވެ އެވެ.

ހާޖަރަކާ އަކީ ޑައިލޮގްތައް ޑެލިވަރީކޮށް ދިނުމުގައި ވެސް އެފަދަ ދެވަނައެއް ނެތް ފަންނާނެކެވެ. މިހާރު ވެސް އޭނާގެ ބައެއް ޑައިލޮގްތައް ދިވެހިން ކިޔައި އުޅެ އެވެ. އޭގެ ތެރޭގައި "ބަލަ ލަތީފާ" އޭ ކިޔައި ފަށައިގަނެ، އެ އަމުނައިލާ ޒީލަގަދަ ޑައިލޮގްތައް ފިލްމު ބަލާ މީހުންގެ ސިކުނޑީގައި އަބަދު ވެސް ގުގުމާނެ އެވެ. ހާޖަރާ ވަނީ އެތަކެއް ފިލްމާއި ޑްރާމާތަކާއި ވީޑިއޯ ލަވަތަކެއް ވެސް ކުޅެފަ އެވެ.

އޭނާ އަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. ދެހާސް ހަތެއްގައި މަރުވެފައިވާ ހާޖަރާގެ ކެރިއަރުގައި ފިލްމުތަކެއް ޑައިރެކްޓް ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ދޮންމަންމަ" އާއި "އާޖައިބު" ފާހަގަކޮށްލެވެ އެވެ.

ސިއްތިފުޅަކީ ކޮމެޑީރޯލްތަކުން ބެލުންތެރިންގެ ހިތްތައް އަތުލި ބަތަލާއެކެވެ. ނުވަދިގައިގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް އައި ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުން އޭނާ ފެނުނެވެ.

އެގޮތުން އެ ދުވަސްވަރުގެ ގިނަ ފިލްމުތަކާއި ޑްރާމާތަކުގެ ހިއުމާ އަށް އެންމެ ހާއްސަ އެކަކީ މަރުހޫމާ ސިއްތިފުޅެވެ. އޭނާ ކުޅެފައިވާ ބައެއް އުފެއްދުންތައް މިހާރު ވެސް ސޯޝަލް މީޑިއާގެ ތެރޭގައި ބައެއް މީހުން ވަރަށް ހިންގައިލަ އެވެ.

ފައުޒިއްޔާ ހަސަނަކީ ދިވެހި ސިނަމާ އިން ފެނުނު އެންމެ ވަރުގަދަ އެއް އަންހެން ޝަހުސިއްޔަތެވެ. އޭނާ ވަނީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި މިހާތަނަށް މަސައްކަތްކޮށް އެވެ. އަދި މިހާރު ވެސް ފައުޒިއްޔާ އަކީ ހަމަ ފިލްމީ ދާއިރާ އިން ފެންނަ މޫނެކެވެ. ހާއްސަކޮށް މަންމަ ފަދަ ބައިތަކުން އޭނާ ފެންނަލެއް މިހާރު ވެސް މަދެއް ނޫނެވެ.

ފައުޒިއްޔާ، 78، ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުގެ ތެރޭގައި 2003 ގައި އަމްޖަދު އިބްރާހީމް (އަމްޖޭ) ގެނެސްދިން "ދޮންކަމަނަ" ހިމެނޭނެ އެވެ. ރާއްޖޭގެ ފަޅު ރަށެއް ބެލެހްޓުމުގައި ކުރިން އުޅުނު ޒުވާން ފިރިހެނަކާއި މުސްކުޅި އަންހެނެއްގެ ލޯބީގެ ވާހަކައިގެ ތެރެއަށް ބިރުވެރި ކަންތައްތަކެއް ވައްދައިގެން ގެނެސްދިން އިރު، "ދޮންކަމަނަ" ގެ ޓައިޓްލް ރޯލް ކުޅުނީ ފައުޒިއްޔާ އެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކީގަ އެވެ.

ފައުޒިއްޔާ މި ފަހުން ފެނިގެން ދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ރޭވުމުން" އާއި "ހައްދު" ފަދަ ފިލްމުތައް ހިމެނެ އެވެ.

ފައުޒިއްޔާއެކޭ އެއްގޮތަށް އާރިފާ އިބްރާހީމަކީ ވެސް ފިލްމީ ދާއިރާ އަށް ނުކުތީއްސުރެ ދެގޮތެއް ނުވެ މި ދާއިރާ އިން ފެންނަ ބަތަލާއެކެވެ. ދުވަސްވީ ބަތަލާއިންގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފީޗާ ފިލްމާއި ޑްރާމާ ކުޅެވިފައި ވާނީ އާރިފާއަށެވެ.

އުމުރުން 64 އަހަރުގެ އާރިފާ އަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް ފަންނާނެކެވެ. އޭނާ އަކީ ވެސް ހަވާލުކުރާ ކޮންމެ ކަހަލަ ރޯލަކަށް ވެސް ވަރަށް މޮޅަށް އިންސާފުކޮށްދޭ ބަތަލާއެކެވެ. އާރިފާ ކުޅުނު ކެރެކްޓާ ރޯލްތަކަށް ބަލާ އިރު 1995 ގައި ޓީވީއެމުން ގެނެސްދިން ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" ގައި ކުޅުނު ކޮރުޖަހާ މީހެއްގެ ރޯލަކީ ވަރަށް މޮޅަށް ކުޅެފައިވާ ރޯލެކެވެ.

ހުއްޓުމެއް ނެތި ފިލްމީ ދާއިރާގައި އަދިވެސް މަސައްކަތްކުރަމުން އަންނަ އިރު، އާރިފާ ވަނީ ޑްރާމާތަކާއި ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ. އޭނާ ޑައިރެކްޓްކުރި ފީޗާ ފިލްމަކީ ފާތުމަތު ނަހުލާގެ ވާހަކަ "ސާހިބާ" އަށް ހަމަ އެ ނަމުގައި ގެނެސްދިން ފިލްމެވެ.

އާރިފާ ޑައިރެކްޓްކުރި ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ވައިރޯޅި އަށް ވެސް ސިއްރުން" އާއި "ވަގުތު ފާއިތުވު ނުވަނީ" އާއި "ވިމްލާ" އަދި "ވައިސޫރި" ހިމެނެ އެވެ.