ޑާކް ރެއިންގެ ވެބް ސީރީޒަކީ "ފައްކަލޭ"
ޑާކް ރެއިންގެ ވެބް ސީރީޒަކީ "ފައްކަލޭ"

ޑާކް ރެއިން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ ދެ ކެރެކްޓާއަކުން ކުރިފަޅުވައިގެން ވެބް ސީރީޒެއް ގެނެސްދޭން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"ފައްކަލޭ" ގެ ނަން ދީފައިވާ މި ސީރީޒްގެ މައިގަނޑު ކެރެކްޓާތަކަކީ އަހުމަދު ސުނީ ކުޅުނު (ރީތި އިއްސެ) އާއި އަބްދުﷲ ޝާފިއު (ފުބޫ) ކުޅުނު ހައްޕު ކެރެކްޓާ އެވެ. ސުނީ އާއި ފުބޫ އަކީ މި ފަހުން ޑާކް ރެއިނުން ގެނެސްދޭ ފިލްމުތަކުގެ ރަހަ ހަޔޮވަރުކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެ ފަންނާނުންނެވެ.

ކުޅަދާނަ ދެ ކޮމީޑިއަނުންގެ ގޮތުގައި ވެސް ބެލުންތެރިން ބަލައިގެންފައިވާ މި ދެ ތަރިން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "މާމުއި" ގެ އިތުރުން "ވާށޭ މަށާއެކީ" އާއި "މީ ލޯތްބަކީ" އާއި "ވަކިން ލޯބިން" ހިމެނެ އެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ފިލްމު ސްޓޫޑިއޯ އިން ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތް ފަށާފައިވާ އެތަނުގެ ފުރަތަމަ ވެބް ސީރީޒްގެ ސްކްރީންޕްލޭ ލިޔަނީ "މާމުއި" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި އަހުމަދު ތޮލާލެވެ. އަދި ޑައިރެކްޓަރަކީ އެ ފިލްމު ވެސް ޑައިރެކްޓްކުރި އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ފައްކަލޭ" އިއުލާންކުރި ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލުތަކެއް ޑާކް ރެއިނުން އަދި ހިއްސާއެއްނުކުރެ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ "މާމުއި" ފިލްމަކީ ވެސް ޑާކް ރެއިނުން ފުރަތަމަ ވެބް ސީރީޒެއްގެ ގޮތުގައި ހަދަން ނިންމި އެއްޗެއްކަމެވެ.

އެކަމަކު ފަހުން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމުމަށް ފަހު، ބުނެފައި ވަނީ "މާމުއި" އިން ކުރިފަޅުވައިގެން އިތުރު އެއްޗެއް ގެނެސްދޭނެ ކަމަށެވެ. "ފައްކަލޭ" އަކީ އެ މަސައްކަތެވެ.

ޑާކް ރެއިނުން ފުލުފުލުގައި ޕްރޮޖެކްޓްތައް އިއުލާންކުރަމުން އަންނަ އިރު، ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ" އާއި "ބަޅިނދު" އާއި "ބައިސާ" އާއި "ކައިވެނީގެ އަމާޒު" އިތުރުން "ރެހެންދި ޚަދީޖާ" ހިމެނެ އެވެ.

އެ ސްޓޫޑިއޯގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ ޖުލައި 1 އަށް ތާވަލުކޮށްފައި އޮތް "ނޮވެމްބާ" އެވެ. މިއީ ޗިއްޕެގެ ޑައިރެކްޝަނެކެވެ.