12 އެޕްރީލް 2020 - 13:56

ލަންޑަން (އެޕްރީލް 12) - ހަލުވިކަމާ އެކު މުޅި ދުނިޔޭގައި މިހާރު ފެތުރޭ ކޮރޯނާވައިރަހުގެ ވެކްސިން އަންނަ ސެޕްޓެމްބަރު މަސް ހިސާބުގައި ލިބޭވަރު ވާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު އޮފް ވެކްސިނޮލޮޖީ ސާރާ ގިލްބާޓް ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިލްބާޓުގެ ޓީމުން ވަނީ އެ މަސައްކަތުގައި އަވަސް ކުރިއެރުންތައް ހޯދައިފަ އެވެ. ޓައިމްސް ނޫހަށް ގިލްބާޓް ވިދާޅުވީ އެކަމަނާގެ ޓީމުން ތައްޔާރުކުރާ ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 ޕަސެންޓް ޔަގީން ކަމަށާއި އެ ވެކްސިން ސެޕްޓެމްބަރު މަހަށް ވާއިރަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށެވެ.
ސައެންސްވެރިން ކުރިން ބުނަމުން އައީ އެކި މަރުހަލާތަކަށް ފަހު ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބޭވަރު ވަނީ 12-18 މަހާ ދެމެދު ކަމަށެވެ.
ކޮރޯނާވައިރަހުގައި މުޅި ދުނިޔޭން މިހާތަނަށް ވަނީ 1.78 މިލިއަން މީހުން ޕޮޒިޓިވްވެ 108,854
މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 404,554 މީހުންނެވެ.