ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ކުރަނީ
ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ކުރަނީ

ނިއު ދިއްލީ (އެޕްރީލް 12) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން އިންޑިއާ ލޮކްޑައުން ކުރި މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ކުރަނީ
ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ކުރަނީ

މާޗް 25 އިން ފެށިގެން އިންޑިއާ ލޮކްޑައުންކޮށްފައި ވަނީ 21 ދުވަހަށެވެ. އެ މުއްދަތު އަންގާރަ ދުވަހު ހަމަވާއިރު ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ސްޓޭޓްތަކުގެ މިނިސްޓަރުންނާ އެކު ހޮނިހިރު ދުވަހު ވީޑިއޯ ކޮންފަރެންސެއް ބާއްވައިފަ އެވެ. ގިނަ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުން ވަނީ ލޮކްޑައުން މުއްދަތު އިތުރު ކުރުމަށް ބޮޑު ވަޒީރަށް ދަންނަވައިފަ އެވެ.

ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ލޮކްޑައުން މުއްދަތު އިތުރު ކުރުމަށް މޯދީ އެއްބަސްވެވަޑައިފެންފައިވާ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލޮކްޑައުން މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެނީ ދެ ހަފުތާއަަށެވެ.

ބޮޑުވަޒީރު މޯދީ ވެސް ވިދާޅުވެފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފުތާ އަކީ މުހިންމު ދުވަސްތަކެއް ކަމަށެވެ.

ލޮކްޑައުން މުއްދަތު އިތުރު ކުރަން އުޅޭއިރު އެކަމުގެ ސަބަބުން އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުންނަށް ލިބެމުންދާ ގެއްލުންތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މައިގްރަންޓް މަސައްކަތު މީހުން ތިބީ ވަޒީފާ ގެއްލި ބިކަވެފަ އެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެން ފަށައިފި ނަމަ އެއީ އިންސާނީ މުސީބާތަކަށްވުން އެކަށީގެންވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 8،504 މީހުން ޕޮޒިޓިވްވެ 289 މީހުން މަރުވެފަ އެވެ. ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 846 މީހުން ޕޮޒިޓިވްވެ 39 މީހުން މަރުވެފަ އެވެ.