ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

"މަށަށް އަނިޔާ ނުކޮށް މަންމަ ގާތުގަ ބުނެބަލަ ސިހުރުހެދުން ހުއްޓާލާށޭ!" ހަނާ ރުޅިއައިސްފައި ބުނެލިއެވެ.

އެ ވަގުތަކީ އެންމެންގެ ނޭވާ ހުއްޓުނު ވަގުތެކެވެ. ވަކީން ހާއްސަކޮށް ރިޒްވާންގެއެވެ. ހަނާގެ އިތުރުން އެ ރޭ ކޮޓަރީގައި ތިބީ ރިޒްވާނާއި އަނިލްއާއި ނަސީމެވެ.

"މަންމައޭ؟" ނަސީމަށް ބުނެވުނެވެ.

"ކާކު މަންމައެއް؟" ރިޒްވާނަށް ބުނެވުނެވެ. "އަހާބަލަ ކާކު މަންމައެއްހޭ؟"

ހާސްނުވުމަށް ދެ މީހުންނަށް ވެސް އަތުގެ އިޝާރާތުން އަނިލް އެންގިއެވެ. ގޮތް ހުސްވެގެން ޖިންނި ތެދެއް ވެސް ބުނެފާނެއެވެ. ނުވަތަ ދޮގެއްހަދައިގެން ދޭތެރެޖައްސަން ވެސް މަސައްކަތް ކޮށްފާނެއެވެ. ޖިންނިސައިތާނުން ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރާކަށް ނުވާނެއެވެ. ބެލެން އޮތް ހުރިހައި ގޮތަކަށް ބަލައިފައި މެނުވީއެވެ. ކަންބޮޑުވެގެން ރިޒްވާނާއި ނަސީމު ވާހަކަދައްކަމުން ގެންދިޔައިރު އަނިލް ވައްކަޅިން ބަލައިލީ ހަނާއަށެވެ. ހަނާގެ މޫނުމަތިން ފެނުނީ ކެހިވެރިކަމުގެ ހިނިތުންވުމެކެވެ.

"ކާކު މަންމައެއް؟" އަނިލް ސުވާލުކުރިއެވެ. "ހަނާގެ މަންމަތަ ނޫނީ މައިދައިތަތަ؟"

"ހަނާގެ މައިދައިތަ!" ހަނާ ބުންޏެވެ.

ހަނާގެ މައިދައިތައަކީ ޒާހިދާއެވެ. ރިޒްވާންގެ މަންމައެވެ. ނަސީމުގެ އަނބިމީހާއެވެ. ހަނާއަށް ފުރަތަމަ ރުޤްޔާކުރި ފަހަރު ކޮޓަރީގައި ނީނދެވިގެން ޒާހިދާ ނުކުތެވެ. ރިޒްވާން އެ ހަނދާންވިއެވެ. ހަމަ އެ ރޭ ނަސީމު ނިދަން އުޅުނު ވަގުތު ޒާހިދާ ގާތުގައި އެ ސުވާލު ކުރި ވެސް މެއެވެ. ޒާހިދާ އެއްވެސް ޖަވާބެއް ނުދިނެވެ. ނަސީމު އެ ހަނދާންވިއެވެ.

"އަހާބަލަ ކީއްވެހޭ އޭނަ ސިހުރުހަދަނީ؟" ނަސީމާއި ރިޒްވާން އެކުއެކީގައި ކަހަލަ ގޮތަކަށް ބުންޏެވެ.

ދޭތެރެޖައްސަން ޖިންނިސައިތާނުން ދައްކާ ވާހަކަ އަޑުނާހަން އަނިލް އާދަވެފައި ހުއްޓަސް ދެން ތިބި މީހުން އެހެން ނުވާނެކަން އަނިލްއަށް އެނގެއެވެ. ސަބަބު އަހާ ތަނާ ބުނާ އެއްޗަކުން އާއިލާ ތެރޭގައި އިތުރު މައްސަލަތަކެއް އުފެދޭކަށް އަނިލް ބޭނުމެއް ނޫނެވެ. އާޚިރު ނަތީޖާއަކަށް ވާނީ ރުޤްޔާކުރުން ހުއްޓި، ސައިތާނާއަށް ކާމިޔާބުވުމެވެ. އަނިލް ހިތަށްއެރިއެވެ. ނަސީމު އެ ތަނުގައި ނެތް ނަމައެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ.

"އަހަންނަކަށް ނުފެނޭ ތި ސުވާލު އަހާކަށް." އަނިލް ލަފާދިނެވެ.

"ކަލޭ ނޭހިޔަސް މަ ބުނެފާނަމޭ ކީއްވެގެންކަން،" ހަނާ ފުރުސަތުގެ ބޭނުންހިފިއެވެ. "މީނަ މާ ގިނައިން ވިހާތީ! މީނަގެ ދަރިންތައް ބަލަންޖެހޭތީ!"

އަނިލްއަށް ދެ ލޯމަރައިލެވުނެވެ. ހަނާ އެ ބުނީ ތެދަކަށް ވިޔަސް ނުވަތަ ދޮގަކަށް ވިޔަސް އޭގެ އަސަރު ނުކޮށް ނުދާނެކަން އަނިލްއަށް ވިސްނުނެވެ. ޒާހިދާއަކީ މާމަދަރިން ދެކެ ނުލާހިކު ލޯބިވާ މީހެކެވެ. އަމިއްލަ ދަރިން ފަދައިން މާމަދަރިންނަށް ލޯބިދޭ މީހެކެވެ. އެއީ ދަޅައެއް ހެއްޔެވެ؟ ރިޒްވާނަކަށް ގަބޫލެއް ނުކުރެވުނެވެ. ގަބޫލުކުރާކަށް ނަސީމު ވެސް ބޭނުމެއް ނޫނެވެ. ޒާހިދާގެ ހިތް އެހާ ހަރެއް ނުވާނެއެވެ. އެހާ ނުބައެއް ނުވާނެއެވެ. ދެއަތަކަށް ބޯހޫރައިލައިފައި ނަސީމު އެ ތަނުން ނުކުތެވެ. އެ ހިސާބުން ރުޤްޔާ އެ ރެޔަށް މެދުކަނޑައިލަން ޖެހުނެވެ. އަނިލް ގޮވައިގެން ރިޒްވާން ދިޔައީ ކައިރީގައި ހުރި ކެފޭއަކަށެވެ.

ކޮވިޑް ނަވާރަ ނަމަކަށް ކިޔާ ބައްޔެއް ދުނިޔެއަށް ފެތުރެމުން އަންނާތީ ރާއްޖެއަށް ވެސް އޮތީ އޭގެ ބިރުވެރިކަން ފެތުރިފައެވެ. ދުނިޔެއިން އެތައް ލައްކަ މީހުންނެއް މަރުވެއްޖެއެވެ. މަތިންދާބޯޓު ދަތުރުތައް މެދުކަނޑައިލައި، ގައުމުތައް ފުރަބަންދުކޮށްފިއެވެ. ގައުމުތަކުން މީހުން ފުރުމާއި، ގައުމުތަކަށް މީހުން އައުން މަނާކުރުމުގެ އިތުރަށް ގައުމުތަކުގައި ވެސް މަގުތަކަށް މީހުން ނުކުތުން މަނާކުރަން ފަށައިފިއެވެ. ރާއްޖޭގެ އިސްކޫލުތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްފިއެވެ. ރިސޯޓުތައް ފަޅުވެގެން ބަންދުކުރަން ފަށައިފިއެވެ. ރާއްޖޭގެ ހުރިހައި މިސްކިތެއްގައި ބަންގިގޮވައެވެ. އެކަމަކު މާލޭ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރުކުރުން ހުއްޓައިލައިފިއެވެ. ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށް ވެފައި، ދެވޭނެ ބޭހެއް ނެތިފައި، ގައިގޯޅިވުމުން ގައިންގަޔަށް ބަލި އަރާތީއެވެ. ހޮޓަލާއި ރެސްޓޯރަންޓުތައް ބަންދުކުރަން އުޅޭ އަަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެ ފަދަ ތަންތަން ހުޅުވައިފައި ހުންނާތީ ހިދުމަތް ހޯދާ މީހުން މަދެއް ނޫނެވެ. އަނިލް ވަން ސައިހޮޓާ ވެސް އޮތީ ފުރިފައެވެ.

"މަންމަ ސިހުރުހަދާފާނެހެން ހީވޭތަ؟" ސައިބޯން އިނދެފައި ރިޒްވާން އެހިއެވެ.

"ކިހިނެއް އަހަންނަށް އެނގެނީ؟" އަނިލް ބުންޏެވެ. "ރިޒްވާނަކަށްނު އެނގޭނީ މަންމަގެ ގޮތް. އަހަންނަށް އެނގޭ އެއްޗަކީ ޖިންނިސައިތާނުންނަކީ ދޮގުހަދާ ބައެއްކަން. ފިތުނައުފެއްދުމާ، ޝައްކު އުފައްދަން އެ ވަރެއް ނޯންނާނެ. އަހަރެން މީ ރިޒްވާން ނަމަ އަހަރެން އެ ވާހަކަ ގަބޫލެއް ނުކުރާނަން. މީ އަދި ދެވަނަ ރޭ. އެ ކަހަލަ ކިތަންމެ މަޅިއެއް އެވެރިން ޖަހާނެ. މިހާރު އަހަރުމެން ދެ މީހުން މި ދައްކާ ވާހަކަ އަޑުއަހަން މި ތާ ވެސް ތިބޭނެ. މީގެ އެޑްވާންޓޭޖު ވެސް ނަގާނެ. އޭނަ ދެއްކި ވާހަކަ ރިޒްވާން ގަބޫލުކުރާކަން އެނގިއްޖެއްްޔާ އެ ސޮރުގެ ބޭނުން ފުދުނީ. ގަބޫލުކުރަންތަ މި ދައްކާ ވާހަކަ؟"

ރިޒްވާން ވިސްނައިލިއެވެ. ރިޒްވާންގެ އަނބިމީހާއަށް މަންމަ ސިހުރުހަދައިފާނެކަމަކަށް ރިޒްވާންގެ ހިތެއް ގަބޫލެއް ނުކުރެއެވެ.

"ބައްޕައަށް ވެސް ވިސްނައިދީ!" އަނިލް އިތުރަށް ބުންޏެވެ. "ބުނޭ އެ ކަމާ މަންމަޔާ އަރާރުން ނުވައްޗޭ! ހަނާޔާ ހަމައަށް ވެސް އެ ވާހަކަ ގޮސްގެން ނުވާނެ. ދެން މީގެ ފަހުން ރުޤްޔާކުރާ ތަނަށް މަންމައެއް ނުވެއްދޭނެ. ވައްދައިފިއްޔާ މަންމަޔާ ދިމާއަށް ވެސް އޭނަ އެހެން ބުނާނެ. އެ ހިސާބުން ދެން މުޅި އެތި ފަނިވާނެ."

"އެ ގޮލާތައް ރާވާ ކަންތައް އަނިލް ފަނިކުރާތީ އަނިލްއަށް އެޓޭކެއް ނުކުރާނެތަ؟" ރިޒްވާން ވަރަށް ޝައުގުވެރިކަމާ އެކުގައި އެހިއެވެ. "އެއްވެސް ބިރެއްނުގަނޭ؟"

"ޖިންނިޔާ އިންސީންނަށް ވެސް ރައްކާތެރިކަން ދެއްވާ ހަމަ އެކަނި ފަރާތަކީ ﷲ،" ޝަހާދަތް އިނގިލިން މައްޗަށް އިޝާރާތްކުރަމުން އަނިލް ބުންޏެވެ. "އަހަރެން ރައްކާތެރިކަމަށް އެދި ދަންނަވަނީ ﷲ އަށް. ހިމާޔަތް ދެއްވާނީ ވެސް ﷲ. އަހަރެން ބިރުވެތިވާނީ ﷲ އަށް އެކަނި. ސައިތާނާއަށް އަޑުއިވޭ ވަރަށް މި ބުނަނީ. އެއްވެސް ބިރެއް ނުގަނޭ."

ވަރަށް ގިނައިރު ރިޒްވާނާ ވާހަކަދައްކަން އިނދެފައި ދެ މީހުން ވަކިވިއިރު ގަޑިން މެންދަމު ބާރަޖަހަނީއެވެ. ރިޒްވާންގެ ގެ ހުރީ ވަރަށް ކައިރީގައެވެ. އޭނަ ދިޔައީ ހިނގައިފައެވެ. އަނިލް ގޮސް ސައިކަލަށް އަރައި އިސްޓާޓުކުރަން އުޅެއުޅެ އިސްޓާޓެއް ނުވިއެވެ. އަނިލް ގާތަށް އައީ މަލާމާތުގެ ހިންޏެކެވެ.

"ވަރަށް މޮޅު ކަމެއް ތި ކުރެވުނީ؟" ހިތާހިތުން އަނިލް ބުންޏެވެ.

"ވަރަށް ފުއްޕާފައެއްނު ތި ނުކުތީ!" އަނިލްއަށް ހީވީ ސިއްރުސިއްރުން އެހެން ބުނިހެންނެވެ.

ވަސްވާހަކީ އެއީއެވެ. ހީވާނީ އަމިއްލަ ސިކުނޑި ތިމާއަށް ޖަވާބުދޭހެންނެވެ. ނުފެންނަ "މީހަކު" ސިއްރުސިއްރުން ބުނެލާހެންނެވެ. ވަގުތުން ސިކުނޑި ޖަވާބު ވެސް ދޭނެވެ. ކައިރީގައި މީހަކު ހުރި ނަމަވެސް އެ މީހަކަށް ނީވޭ ވަރަށެވެ.

"ﷲ ގެ އަދުއްވާ! ކަލޭ ...." ހިތާހިތުން އަނިލް ބުނެލިއެވެ.

އަތުން އިސްޓާޓުނުވުމުން ފައިން އިސްޓާޓުކޮށްގެން އަނިލް ގެއާ ދިމާއަށް ނައްޓައިލިއެވެ. ދިޔަ މަގުމަތީގައި ވެސް އަނިލް ތަކުރާރުކޮށް ޖިންނިސައިތާނުންނަށް ހިތާހިތުން މަލާމާތްކުރިއެވެ. ގޮންޖެހިއެވެ. ﷲ އަށް ޒިކުރުކުރިއެވެ. ސަނާކިޔައި ތައުރީފުކުރިއެވެ. ގެއަށް ވަންނަމުން، އާންމުކޮށް ކިޔާ ދުއާ ކިޔުމަށް ފަހު އެޕާޓުމަންޓުގެ ދޮރު ހުޅުވައިލިއެވެ. ގޭތެރެ އޮތީ ހަމަހިމޭންކޮށެވެ. ދޮރު ތަޅުލައިފައި އެނބުރިލި ވަގުތު އަނިލްއަށް ޝައްކެއްވިއެވެ. އެހެން ރޭރެޔާ އެ ރެޔާ ތަފާތެވެ. އަނިލް އެހެން ހިތަށްއެރީ ވަކި އެއްޗެއް ފެނިގެނެއް ނޫނެވެ. ކުއްލިއަކަށް އެހެން ހިތަށްއެރީއެވެ. ގޭގެ އެތަންމިތަނަށް އަނިލް ނަޒަރުހިންގައިލިއެވެ. ޤުރުއާންގެ އެހީގައި ގޭގެ ދޮރުތައް ހިލިހިލާޖަހައި، މުޅި ގެ ވަށައިގެން ރައްކާތެރިކަމުގެ ދާގަނޑެއް ފަތުރައިލިއެވެ. އެ ހިނދު އަނިލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ގޭގެ ހާލަތު އާމާންވިކަމުގެ އިހުސާސްކުރެވުނެވެ. ކޮޓަރިއާ ދިމާއަށް ދިޔައިރު ދޮރު ހުރި ހުޅުވައިފައެވެ. ދީމާ އިނީ ފޯނާ ކުޅޭށެވެ. ދީމާއަކީ އަނިލްގެ އަނބިމީހާއެވެ. އުމުރުން ދެ އަހަރުގެ އާޒިމް އޮތީ ނިދައިފައެވެ.

"އިރުއިރުކޮޅާ ދޮރުމައްޗަށް ހުއްޓިފަ ތި ދަނީ ކޮންތާކަށް؟" ދީމާ ސުވާލުކުރިއެވެ.

ވަގުތުން އަނިލްގެ ބޮލުގައިރިއްސައިލިއެވެ. އެޕާޓުމަންޓަށް ވަން ވަގުތު އަނިލްއަށް ހީވިހީވުމުގެ ފަހަތުގައިވާ ހަގީގަތް ވަގުތުން ވިސްނުނެވެ. އަނިލް އިރުއިރުކޮޅާ ގެއަށް ނުވަންނަންކަން އަނިލްއަށް އެނގެއެވެ. ދޮރުމައްޗަށް އަނިލް އެރިހެން ދީމާއަށް ހީވިޔަސް އެއީ އަނިލް އަކަށް ނުވާނެއެވެ. އެކަމަކު އެ ވާހަކަދައްކާކަށް އަނިލް ބޭނުމެއް ނުވިއެވެ.

"މި ހިސާބަށް އައިތަނާ ފެންބޮވައިގަނެގެން ދިޔައީ!" ކޮޓަރިއަށް ވަދެފައި ދޮރު ލައްޕަމުން އަނިލް ބުންޏެވެ. "ކީއްކުރަން ދޮރު ހުޅުވައިގެން ތި އިންނަނީ؟ އަބަދުވެސް ދީމާ އިންނަނީ ދޮރު ލައްޕައިގެނެއްނު!"

"އާނ!" ދީމާ ވެސް އެއްބަސްވިއެވެ. "މިރޭ ހަމަ ކުއްލިއަކަށް ހިތަށްއެރީ އަނިލް އަޔަސް އެނގޭނީ އޭރުންނޭ. ނޭނގެ ކީއްވެގެންކަމެއް."

ކީއްވެގެންކަން އަނިލްއަށް އެނގެއެވެ. ލައްޕައިފައިހުންނަ ދޮރެއް ހުޅުވުމަކީ ޖިންނިސައިތާނުންނަށް ކުރެވޭ ކަމެއް ނޫނެވެ. އެ ކަހަލަ ދޮރެއް ހުޅުވަން ބޭނުން ނަމަ ޖެހެނީ އެހެން މީހަކަށް ވަސްވާސްދޭށެވެ. އެކަމަކު، ހުޅުވިފައިހުރި ދޮރެއް އެއަށް ވުރެ ބޮޑަށް ހުޅުވިދާނެއެވެ. ވައިގެ އެހީތެރިކަން ބޭނުންކޮށްގެންނެވެ. ޖިންނި ދިން މެސެޖު އަނިލްއަށް ލިބުނެވެ. އެއީ، އަނިލްގެ އަނބިމީހާ އެ މަޚުލޫގުންނަށް އެނގިއްޖެކަމެވެ. ދައުވަތު ނުދޭ މެހުމާނުންތަކެއް އަނިލްގެ ގެއަށް ޒިޔާރަތް ކޮށްފިކަމެވެ. ދެން އަނިލް ކުރަންވީ ކަމަކީ ބިރުން ގޮސް ހަނާއަށް ރުޤްޔާކުރުން ހުއްޓައިލުމެވެ. އެ ހުރިހައި ކަމަކާ ވިސްނުމަށް ފަހު އަނިލްއަށް ޗޮކެއްކަނޑައިލެވުނެވެ.

"ދެން ދޮރު ހުޅުވައިގެން ނީންނައްޗޭ! މި ތަނަށް މަދިރި ވަންނާނެ،" ޗޮކެއްކަނޑައިލެވުނީތީ ކޮންމެވެސް އެއްޗެއް ބުނުމުގެ ބޭނުމުގައި އަނިލް ބުންޏެވެ. "އޭސީ ޖައްސައިގެން އިނދޭ! އެހެން ނޫނީ އާޒިމް ދާހިތްލާނެ."

ތިންވަނަ ރެޔަކު ވެސް ރުޤްޔާކުރަން އަނިލް ގެނައެވެ. އެ ރޭ އަނިލް ވަންތަނާ ހަނާ ކުއްލިއަކަށް ނިދިއަތުވެއްޖެއެވެ. އެއީ ހަމަ ކުއްލިއަކަށް ވީ ކަމެކެވެ.

"މިރޭ މި ތާކު ނީނދެވޭނެ،" ފޫހި ގޮތަކަށް ހަނާ ބުންޏެވެ. "އެހެން ރެޔަކަށް ހަދަންވީނު!"

"ކާކު ތި ވާހަކަދައްކަނީ؟" އަނިލް ތަންކޮޅެއް ބާރަށް އެހިއެވެ.

ނުނިމޭ