11 އެޕްރީލް 2020 - 11:47

މެޑްރިޑް (އޭޕްރިލް 11) – ކެރިއަރުގެ ކުރީކޮޅު އިޓަލީގެ އިންޓަ މިލާނުގައި އޭނާގެ ކުޅުން ހަލާކުކޮށްލީ އެ ޓީމުގެ އޭރުގެ ކޯޗު އިންގްލެންޑުގެ ރޯއީ ހޮޖްސަން ކަމަށް ބްރެޒިލްގެ މަޝްހޫރު ވާތުބެކް ރޮބާޓޯ ކާލޯސް ބުނެފި އެވެ.
ބްރެޒިލްގެ ޕަލްމެއިރަސް އިން 1995 ވަނަ އަހަރު އިންޓައާ ގުޅުނު ކާލޯސް ބުނީ، ރޮޖްސަން އޭނާ ލައްވާ ކުޅުވީ ސެންޓްރަލް މިޑްފީލްޑަށް ކަމަށެވެ. އަދި 1997 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތެއް އޮތް ކަމަށާއި އެގޮތަށް ކުޅެގެން އޭނާ އަށް ބްރެޒިލް ގައުމީ ޓީމުން ޖާގަ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް އޭރު އޭނާ އަށް ވިސްނުނު ކަމަށް ކާލޯސް ބުންޏެވެ.
"ރޯއީ ހޮޖްސަން އަހަރެން ހަލާލުކޮށްލި،" ސްޕެއިނުގެ މާސާ އަށް ދިން އިންޓަވިއުއެއްގައި ކާލޯސް ބުންޏެވެ. "އަހަރެން (އިންޓަގެ ޗެއާމަން މަސިމޯ) މޮރާޓީއާ ވާހަކަދެއްކިން އަދި ކްލަބް ދޫކޮށްލަން އެދުނިން."
ކާލޯސް އެންމެ ސީޒަނަކަށް ފަހު، 1996 ގައި ރެއާލް މެޑްރިޑަށް ބަދަލުވިއިރު އެ ޓީމުގެ ކޯޗަކީ އިޓަލީގެ މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ އެވެ. ހޮޖްސަން ހަލާކުކޮށްލި އޭނާގެ ކުޅުން އަލުން ހަމަޔަކަށް އެޅުވީ ކަޕެއްލޯ ކަމަށް އިޝާރާތްކޮށް ކާލޯސް ބުނީ ކަޕެއްލޯ އަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ކޯޗު ކަމަށެވެ.
ރެއާލަށް 2007 ގެ ނިޔަލަށް ކުޅެ ކާލޯސް ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. ބްރެޒިލާ އެކު 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އަދި 1997 އާއި 1999 ގައި ކޮޕާ އެމެރިކާ ކާމިޔާބުކުރި ކާލޯސް ގިނަ ބަޔަކު ފާހަގަކުރީ މޮޅު ވާތުބެކެއްގެ އިތުރުން އެހާމެ މޮޅަށް ހިލޭ ޖެހުންތައް ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.