11 އެޕްރީލް 2020 - 12:05

ވޮޝިންޓަން (އެޕްރީލް 11) - ކޮވިޑް-19 ގައި އެމެރިކާ އަށް މިއީ ހިތާމަވެރި ހަފުތާއަކަށް ވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން އިންޒާރުދީފައި ވަނިކޮށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މަރުވި މީހުންގެ އަދަދު 2،035 އަށް އަރައިފި އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭ އެމެރިކާ އިން މިހާ ގިނަ އަދަދަކަށް މީހުން މަރުވެފައެއް ނުވެ އެވެ. އަދި އެއްވެސް ގައުމަކުން އެއް ދުވަސް ތެރޭ 2،000 އަށް ވުރެގިނަ މީހުން މަރުވެފައެއް ނުވެ އެވެ. އެމެރިކާ އިން މިހާތަނަށް ވަނީ 18،747 މީހުން މަރުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވި އިޓަލީން މަރުވެފައި ވަނީ 18،849 މީހުންނެވެ.
އެމެރިކާ އިން އިއްޔެ އެކަނި ވަނީ 33،752 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 34،196 މީހުން ޕޮޒިޓިވްވެފަ އެވެ.
އެމެރިކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 502،876 އަށް އަރައިފަ އެވެ. ބަލިޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް ދިޔަ އިރު ރަނގަޅުވެފައި ވަނީ 27،314 މީހުންނެވެ.
އެމެރިކާގެ ހާލަތު އަދިވެސް އެންމެ ގޯހީ ނިއު ޔޯކުގަ އެވެ. އެ ސްޓޭޓުން 172،358 މީހުން ޕޮޒިޓިވްވިއިރު 7،844 މީހުން ވަނީ މަރުވެފަ އެވެ. ނިއު ޖާޒީން 54،588 މީހުން ޕޮޒިޓިވްވެ 1،932 މީހުން ވަނީ މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސްޕޭނުން ޕޮޒިޓިވްފެފައި ވަނީ 158،273 މީހުންނެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 1،700،007 މީހުން ޕޮޒިޓިވްވެ 102،751 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 376،529 މީހުންނެވެ.