11 އެޕްރީލް 2020 - 11:26

ޒިއުރިކް (އޭޕްރިލް 11) – ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން މާ އަވަހަށް ފެށުން ވާނީ ޒިންމާދާރުކަންކުޑަ އަމަލަކަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ލީގުތައް ކެންސަލްކޮށްފި ނަމަ ކްލަބްތަކަށް މާލީ ގޮތުން ގެއްލުންވެ ބައެއް ކްލަބްތައް ބަގުރޫޓްވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ހާލަތު ރަނގަޅުވިހާ އަވަހަށް ސަޕޯޓަރުން ނުވައްދާ ވިޔަސް، ލީގުތައް ފަށާނެ އެވެ.
ޔޫރަޕުގެ ލީގުތައް އެންމެ އަވަހަށް ފެށުނަސް ފެށޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅެވެ. ފީފާ އާއި ޔުއެފާ އިން ވެސް ބާރު އަޅަނީ ލަހުން ފަށައިގެން ވިޔަސް ސީޒަން އެއްކޮށް ފުރިހަމަކުރާށެވެ. އެކަމަށް ވަގުތު ދިނުމުގެ ގޮތުން ވަނީ ޖޫން/ޖުލައި މަހަށް ޝެޑިއުލްކޮށްފައި އޮތް ޔޫރޯ އާއި ކޮޕާ އެމެރިކާ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
އިންފަންޓީނޯ ވިދާޅުވީ އެންމެ އިންސާނެއްގެ ފުރާނަ ވެސް ނުރައްކަލުގެ ތެރެއަށް ހުށަހަޅާވަރުގެ އަގެއް އެއްވެސް މެޗެއް، އެއްވެސް މުބާރާތެއް އަދި އެއްވެސް ލީގެއްގައި ނޯންނާނެ ކަމަށެވެ.
"ރިސްކެއް ނެގުމަށް ވުރެ އިތުރަށް ކުޑަދުވަކޮޅެއް މަޑުކުރުން މާ ރަނގަޅު،" އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯ ވިދަޅުވީ އޭނާ އަށް މި ވާހަކައަށް މިއަށް ވުރެ ވަކިން ބޮޑަށް ބާރެއް ނުލެވޭނެ ކަމަށާއި ފީފާ އިން އެންމެ އިސްކަންދޭނީ ވެސް، އުސޫލަކީ ވެސް އަދި އެންމެން އެކަމަކާ އެއްގޮތަށް އުޅެން ބާރުއަޅާނެ ކަމަކީ ވެސް ސިއްހަތު އިސްކުރުން ކަމަށެވެ.
"ސަތޭކަ ޕަސެންޓް ރައްކާތެރިނޫނިއްޔާ، މުބާރާތްތައް ފަށަން މަޖުބޫރުކުރުމަކީ ވަރަށް ބޮޑަށް ޒިންމާދާރުކަންކުޑަވުން،" އިންފަންޓީނޯ ވިދާޅުވި އެވެ.