އާލިއާ ބަޓްގެ ރޯލާ ބެހޭ ގޮތުން ރާޖަމޯލީ ވާހަކަ ދައްކައިފި
އާލިއާ ބަޓްގެ ރޯލާ ބެހޭ ގޮތުން ރާޖަމޯލީ ވާހަކަ ދައްކައިފި

އަންނަ އަހަރު ގެނެސްދޭ ބޮޑު ބަޖެޓްގެ އުންމީދީ ފިލްމު "އާރްއާރްއާރް" ގައި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ކުޅޭ ރޯލާ ބެހޭ ގޮތުން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނުގެ މަޝްހޫރު ޒުވާން ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ލީޑް ރޯލް ކުޅޭ ފިލްމުގައި އާލިއާ ފެނިގެން ދާނީ ރާމްގެ ލޯބިވެރިޔާގެ ރޯލުންނެވެ. އަދި މި ތިން މީހުންގެ ލަވް ޓްރެންގަލްއެއް ފެންނާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ނަމަވެސް އޭގައި އެއްވެސް ހަގީގަތެއް ނެތްކަން ހިއްސާކުރަމުން ބޮލީވުޑް ހަންގާމާ އަށް ރާޖަމޯލީ ބުނީ "އާރްއާރްއާރް" ގައި ލޯބީގެ މާ ބޮޑު ވާހަކައެއް ނޯންނާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މިއީ ލަވް ޓްރައިއެންގަލެއް ނޫން. އަނެއް ކަމަކީ ރާމް ނުވަތަ އެންޓީއާރްގެ އޮޕޮޒިޓަކުން ނޫން އާލިއާ ފެންނާނީކީ. މާނަ އަކީ އެއިން އެކްޓަރަކާ އާލިއާގެ ކެރެކްޓާއާ ލޯބީގެ ގުޅުމެއް ނޯންނާނޭ." ބާހްބަލީ ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނީ "އާރްއާރްއާރް" ގައި އާލިއާ ފެންނާނީ ސީތާ ކިޔާ ކެރެކްޓާއަކުން ކަމަށާއި އެ ރޯލަށް އާލިއާ ނެގީ ވަރަށް މައުސޫމު އަންހެން ކުއްޖެއްގެ ރޯލަށް އޭނާ ވަރަށް ފިޓްވާތީ ކަމަށެވެ.

"ރާމް އާއި ޖޫނިއާގެ ކެރެކްޓާތަކާ އާލިއާއާ ލޯބީގެ ގުޅުމެއްގެ ނެތަސް އެ ދެ މީހުންގެ މެދުގައި އާލިއާ އަކީ ވަރަށް މުހިއްމު ކެރެކްޓާއެއް،" އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ހަދާ ފިލްމާ ބެހޭ ގޮތުން ރާޖަމޯލީ ބުންޏެވެ. "އެއީ ވަރަށް ސެންސިޓިވް އަދި އެހާމެ ޖަޒުބާތީ އެކަމަކު ވަރަށް ސާބިތުކަމާ އެކު ހުންނަ ވަރުގަދަ ކެރެކްޓާއެއް. އާލިއާ އަށް އެ ރޯލް ދިނީ އަހަރެން ބޭނުންވާ ސިފަތައް އޭނަގެ ކިބައިގައި ހުރީމަ."

ކުރިން އޮތީ މާޗް މަހުގެ ތެރޭގައި އާލިއާއާ އެކު ނަގަން ޖެހޭ "އާރްއާރްއާރް" ގެ ޝޫޓިންތައް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި ފިލްމުގެ މަސައްކަތް މި ވަގުތު އޮތީ މަޑުޖައްސާލައިފަ އެވެ.

"އަހަރެމެން މިހާރު މި އަންނަމީ ޝެޑިއުލް އަލުން ރާވަމުން. އަދި އާލިއާ އެކު މަސައްކަތް ފަށަން ވަރަށް ކެތްމަދުވެފައި މި ހުންނަނީ." ރާޖަމޯލީ ބުންޏެވެ.

ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ "އާރްއާރްއާރް: ރޮދޫރާމް ރަނަމް ރުދިރަމް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ގަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ މި އަހަރުގެ ޖުލައި 30 ގަ އެވެ.

"އާރްއާރްއާރް" ގެ ކާސްޓްގައި އަޖޭ ދޭގްވަން ވެސް ހިމެނެ އެވެ. މިދިޔަ ހަފުތާގައި ރާޖަމޯލީ ވަނީ އަޖޭ އަށް ވަރަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.