01 ޖޫން 2016 - 06:24

މިއީ އިނގިރޭސި ވިލާތުގެ ދިރާސާއެއްގެ ނަތީޖާ އެވެ. އެ ދިރާސާއިން ދައްކަނީ އެ ގައުމުގެ ކޮންމެ ފަސް ކައިވެންޏަކުން އެއް ކައިވެންޏެއްގައި ބައިވެރިން ހިތްހަމަނުޖެހިފައި ތިބޭ ކަމާއި ވަރިވުމާ މެދު ވިސްނާ ކަމެވެ. އޮންނަ ކަމަކީ ދެބަސްވެ އަރާރުންވުމެވެ.
މި ދިރާސާގައި ބުނެފައި ވަނީ ދަރިން ބެލުމާއި އާމްދަނީގެ މައްސަލަތަކާ ހެދި 1.4 މިލިއަން ކައިވެނި އޮތީ ރޫޅުމާ ހިސާބުގައި ކަމަށެވެ. "ރިލޭޝަންޝިޕް ޑިސްޓްރެސް މޮނިޓަ" ރިޕޯޓްގައި ބުނެފައި ވަނީ ކައިވެނީގެ މައްސަލަތައް ވަރަށް ގިނަ ކަމަށާއި ކަންބޮޑުވާ ހިސާބަށް އެކަން ގޮސްފައިވާ ކަމަށެވެ. އަދި ކައިވެނީގެ މައްސަލަތަކުގެ ސަބަބުން އިޖުތީމާއި އެހެން މައްސަލަތައް ވެސް އުފެދެމުން އަންނަ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ސީނިއާ ޕޮލިސީ އޮފިސަރު ޑޭވިޑް މާޖޮރިބޭންކްސް ވިދާޅުވެފައި ވަނީ ކައިވެނިތައް ރޫޅެން މެދުވެރިކުރުވާ އިޖުތިމާއީ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ. އަދި މިފަދަ ކައިވެނިތަކާ ގުޅިގެން އުފެދޭ މައްސަލަތައް ވެސް އެހާ ގިނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ކައިވެނީގައި މައްސަލަޖެހޭއިރު އެ ކައިވެންޏަކަށް ލިބިފައި ތިބޭ ދަރިންނަށް ނޭދެވޭ އަސަރުތައް ކުރޭ. އެ ކުދިން ކުށްކުރުމުގެ ތެރެއަށް ފަސޭހައިން ވަންނަ ގޮތް މެދުވެރިވޭ،" ޕްރެސް ކްލަބްގައި ޑޭވިޑް ވިދާޅުވެފައިވެ އެވެ.
އިނގިރޭސި ވިލާތުގެ ގޭބިސީގެ ދިރާސާ "އަންޑަސްޓޭންޑިން ސޮސައިޓީ" އަށް 2013 އިން 2014 އަށް އެއްކޮށްފައިވާ މައުލޫމާތު ބޭނުންކޮށްގެން ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ 2.87 މިލިއަން މީހުން ނުވަތަ 18 ޕަސެންޓް ކައިވެނީގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.
ދިރާސާއިން ދެއްކި ގޮތުގައި މައްސަލަތައް އެންމެ ބޮޑީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ގެންގުޅޭ މައިންބަފައިންގެ މެދުގަ އެވެ.
ކައިވެނިތައް ރޫޅުމަށް މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަރުކާރުން އިޖާބަދޭން ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ފައިސާގެ މައްސަލަތަކާއި ވަޒީފާއާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ކައިވެނީގެ ގުޅުންތައް ހީނަރުވަމުން ދާއިރު ކޮންމެ 10 މީހަކުން އެކަކީ ކުރެވުނު ކައިވެންޏާ މެދު ހިތާމަކުރާ މީހުން ކަމަށް އެ ދިރާސާގައިވެ އެވެ.