11 އެޕްރީލް 2020 - 12:30

ސޯލް (އެޕްރީލް 11) - ކޮރޯނާވައިރަހުން ރަނގަޅުވެގެން ދޫކޮށްލި މީހުންގެ ތެރޭން 91 މީހަކު އަލުން ޕޮޒިޓިވްވެފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.
ކޮރެއަން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ޖިއޮން އިޔުން-ކިއޮން ވިދާޅުވީ ރަނގަޅުވި މީހުންނަށް "އަލުން ބަލިޖެހުމުގެ" ބަދަލުގައި ލަފާކުރެވެނީ އެ މީހުންގެ ހަށިގަނޑުގައި ވައިރަސް އަލުން "ރިއެކްޓިވޭޓްވީ" ކަމަށެވެ.
ސައުތު ކޮރެއާގެ ސިއްހީ އޮފިޝަލުން ބުނަނީ ރަނގަޅުވާ މީހުން ދެ ވަނަ ފަހަރަށް ވައިރަސް އަށް ޕޮޒިޓިވްވާ ސީދާ ސަބަބެއް ހޯދިފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ އެޕިޑެމިއޮލޮޖިކަލް ތަހުލީލުތައް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ސިއްހީ ބައެއް ތަޖްރިބާކާރުން ބުނާ ގޮތުގައި ދެ ވަނަ ފަހަރަށް ޕޮޒިޓިވް ވަނީ ފުރަތަމަ ފަހަރު ހެދި ޓެސްޓްގައި މައްސަލަތަކެއް އުޅޭތީ ކަމަށް ލަފާކުރެވެ އެވެ.
ކޮވިޑް-19 އިން ރަނގަޅުވާ މީހުން އަލުން ޕޮޒިޓިވްވުމަކީ ބައިނަލްއަގުވާމީ ގޮތުން ބެލި ނަމަވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސިއްހީ ތަޖްރިބާކާރުން ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި، އަލުން ބަލި ޖެހުން ސަލާމަތްވާނެ ވަރަށް، ދިފާއީ ނިޒާމު ވަރުގަދަވާނެ އެވެ.
ސައުތު ކޮރެއާ އިން ވަނީ ކޮރޯނާވައިރަހަށް 10،450 މީހުން ޕޮޒިޓިވްވެ 208 މީހުން މަރުވެފަ އެވެ.