11 އެޕްރީލް 2020 - 11:34

ރޯމް (އެޕްރީލް 11) - ކޮރޯނާވައިރަސް އިޓަލީގައި މިދިޔަ ފެބްރުއަރީ މަހު ފެތުރެން ފެށި ފަހުން އެ ގައުމުން މިހާތަނަށް 100 ޑޮކްޓަރުން މަރުވެއްޖެ ކަމަށް ހެލްތު އެސޯސިއޭޝަނުން ބުނެފި އެވެ.

އިޓަލީން މަރުވި ޑޮކްޓަރުންގެ ތެރޭގައި ރިޓަޔާކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ. ރިޓަޔާޑް ޑޮކްޓަރުން ޚިދުމަތަށް ނުކުތީ މީގެ މަހެއްހާ ދުވަސް ކުރިން ސަރުކާރުން ކުރި އިލްތިމާސްއަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

އިޓަލީގައި 100 ވަނަ އަށް މަރުވެފައި ވަނީ ސީރިއާ އަށް އުފަން 62 އަހަރުގެ ސަމާރު ސިންޖާބު ނަމަކަށް ކިޔާ މީހެކެވެ. އިޓަލީގެ އުތުރުގެ ހިސާބެއްގައި 1994 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އައި ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ ބަލި މީހެއްގެ ފަރާތުންނެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 30 އަށް ވުރެ ގިނަ ނަރުހުން ނުވަތަ ނަރުހުންގެ އެހީތެރިން ވެސް ވަނީ ކޮވިޑް-19 ގައި މަރުވެފަ އެވެ.
"ވައިރަހުން ރައްކާތެރިވެވޭނެ ގޮތެއް ޑޮކްޓަރުންނަށް ނެތި އެ މީހުން ޚިދުމަތަށް ނެރުން ދެން ވާނީ އުނދަގޫ ކަމަކަށް،" ހެލްތު އެސޯސިއޭޝަނުގެ ރައީސް ފިލިއްޕޯ އަނެއްލީ ވިދާޅުވި އެވެ.
ރޯމްގެ ޕަބްލިކް ހެލްތު އިންސްޓްޓިއުޓުން ލަފާކުރާ ގޮތުގައި އިޓަލީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ 10 ޕަސެންޓަކީ ސިއްހީ ދާއިރާގެ އޮފިޝަލުންނެވެ.
އިޓަލީގައި މިހާތަނަށް ވަނީ 147،577 މީހުން ޕޮޒިޓިވްވެ 18،849 މީހުން މަރުވެފަ އެވެ.