ކޮވިޑް-19: އެމެރިކާގެ އެހެން މަނަވަރެއްގައި ވެސް ކޮރޯނާވައިރަސް ފެތުރެނީ
ކޮވިޑް-19: އެމެރިކާގެ އެހެން މަނަވަރެއްގައި ވެސް ކޮރޯނާވައިރަސް ފެތުރެނީ

ވޮޝިންޓަން (އެޕްރީލް 11) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އެހެން މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ނިމިޒްގައި ވެސް ކޮރޯނާވައިރަސް ފެތުރޭ ކަމަށް ރިޕޯޓްކޮށްފި އެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި ޕެސިފިކަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ މަނަވަރުގައި ކޮރޯނާވައިރަސް ފެތުރުމަކީ އެމެރިކާގެ ނޭވީ އަށް ކުރިމަތިވާނެ އިތުރު ކަންބޮޑުވުމެކެވެ. ނިމިޒް މިހާރު އޮތީ މަރާމަތުގެ މަސައްކަތަކަށް ވޮޝިންޓަނުގަ އެވެ.

ގުއާމުގައި މިހާރު އޮތް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ވެސް ކޮރޯނާވައިރަސް ފެތުރި 414 ފަޅުވެރިން ވަނީ ޕޮޒިޓިވްވެފަ އެވެ. މަނަވަރުގައި ތިބި 4،800 އަށް ވުރެ ގިނަ ފަޅުވެރިންގެ ތެރޭން ދެ ބައިކުޅަ އެއްބައި މީހުން ވަނީ ގުއާމުގައި ކަރަންޓީންކޮށްފަ އެވެ.

ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރޭ ކަމަށާއި އެކަން ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ޕެންޓަގަނަށް ސިޓީ ފޮނުވި މަނަވަރުގެ ކެޕްޓަން ބްރެޓް ކްރޯޒިއާ އެންމެ ފަހުން ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ވޮޝިންޓަނުގައި މިހާރު އޮތް ކާލް ވިންސަން އާއި ޖަޕާނުގައި ޑޮކްކޮށްފައި އޮތް މަނަވަރު ރޮނަލްޑް ރޭގަންގައި ވެސް ކޮރޯނާވައިރަސް ފެތުރެމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 502,876 މީހުން ޕޮޒިޓިވްވެ 18،747 މީހުން މަރުވެފަ އެވެ.