ކޮވިޑް-19: ކޮރޯނާވައިރަހުގައި އުޅޭތާ 100 ދުވަސް
ކޮވިޑް-19: ކޮރޯނާވައިރަހުގައި އުޅޭތާ 100 ދުވަސް

ޖެނީވާ (އެޕްރީލް 10) - ގޮތް ނޭނގޭ ވައިރަހެއް ނުވަތަ ނިއުމޯނިއާގެ ބާވަތެއް ފެތުރޭކަން ޗައިނާ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކޮށްފައި ވަނީ ޑިސެމްބަރު 31، 2019 ގަ އެވެ.

އެ ތާރީޚުން ފެށިގެން 100 ދުވަސް ފުރުން ޑަބްލިއުއެޗްއޯ އިން އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. ޗައިނާގައި ފެތުރުނު ވައިރަހުން ޖެހޭ ރޯގާ އަށް ޑަބްލިއުއެޗްއޯ އިން ދީފައިވާ ނަމަކީ ކޮވިޑް-19 އެވެ. އެއީ ކޮރޯނާވައިރަހާ އެ ބަލި ފެނުނު އަހަރާ ގުޅުވައިގެން ދީފައިވާ ނަމެކެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ރޯގާ ވަނީ ދުނިޔޭގެ 210 ގައުމާއި ޓެރިޓަރީ އަށް ފެތުރި މިހާތަނަށް 1.67 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ރަނގަޅުވެފައި ވަނީ 369،646 މީހުންނެވެ. ބަލީގައި މިހާތަނަށް ވަނީ 101,559 މީހުން މަރުވެފަ އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އިއްޔެ ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ސިއްހީ ނިޒާމުތަކަށް ބުރަ ބޮޑުވެ އިގްތިސާދުތައް ފުނޑި، އިޖްތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނުވައިފި ކަމަށެވެ. އަދި މިއީ ސަރުކާރުތަކާއި މުޖްތަމައުތައް އެކުގައި ނުކުމެ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ވޭތުވެދިޔަ 100 ދުވަސްތެރޭ ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އެންމެ މުއްސަނދި ގައުމުތަކަށް ވެސް ލިބޭނެ ގެއްލުން ހާމަވެފައި،" ޓެޑްރޯސް ވިދާޅުވި އެވެ.

ޑިސެމްބަރު 31، 2019: ވޫހާން ސިޓީން ފެނުނު ވައިރަސް ޗައިނާ އިން ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކުރި

ޖެނުއަރީ 11، 2020: ކޮވިޑް-19 ގައި ފުރަތަމަ މީހާ ޗައިނާ އިން މަރުވި.

ޖެނުއަރީ 12، 2020: ކޮވިޑް-19 ގެ ޖެނެޓިކް ސީކްއެންސް ޗައިނާ އިން ހާމަކުރި.

ޖެނުއަރީ 13، 2020: ޗައިނާ އިން ބޭރުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ރިޕޯޓްކުރި. އެއީ ތައިލެންޑުން.

ޖެނުއަރީ 23، 2020: 11 މިލިއަން މީހުން ހިމެނޭ ވޫހާން ސިޓީ ލޮކްޑައުންކުރި.

ޖެނުއަރީ 30، 2020: އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ ޑަބްލިއުއެޗްއޯ އިން އިއުލާންކުރި.

ފެބްރުއަރީ 7، 2020: ކޮރޯނާވައިރަހުގެ ސަމާލުކަން އެންމެ ފުރަތަމަ ގެންނަން މަސައްކަތް ކުރި ޑޮކްޓަރު ލި ވެންލިއާން މަރުވި.

ފެބްރުއަރީ 22، 2020: ކޮރޯނާވައިރަހުގައި އިޓަލީން ފުރަތަމަ މީހާ މަރުވި.

މާޗް 11، 2020: ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން އިއުލާންކުރި.

މާޗް 27، 2020: އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި.