ދަނޑުވެރިން ކުރަން ބޭނުންވާ މީހުން އިނގިރޭސިވިލާތުގައި އިތުރުވަނީ
ދަނޑުވެރިން ކުރަން ބޭނުންވާ މީހުން އިނގިރޭސިވިލާތުގައި އިތުރުވަނީ

ކޮރޯނާވައިރަހާ ހެދި މި ދަނޑުވަޅުގައި ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލެމުންދާތީ އިނގިރޭސިވިލާތުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ކުރިމަތިލާ މީހުން އިތުރުވާން ފަށައިފި އެވެ.

ވަޒީފާތައް ހޯދައިދޭން މަސައްކަތްކުރާ ޓޯޓަލްޖޮބްސް އިން ބުނިގޮތުގައި ފާއިތުވި ހަފުތާގައި އެކަނި ވެސް ދަނޑުވެރިިކަމުގެ މަސައްކަތަށް ނުކުންނަން ޝައުގުވެރިކަން ފާޅުކޮށް 50،000 މީހުން ހުށަހަޅާފައިވެ އެވެ. ޓޯޓަލްޖޮބްސްގެ ފަރާތުން ވާހަކަ ދެއްކި ސްޓީވް ވާނަމް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކޮވިޑް-19އާ ދިމާކޮށް ވަގުތީ ގޮތުން ވަޒީފާ އިން އެކަހެރިވެފައިވާ މީހުންނެވެ.

ވައިރަސް ފެތުރެން ފެށުމާ އެކު ދަތުރުފަތުރުގެ ހިދުމަތަށް އައި ލޮޅުންތަކާ އެކު އިނގިރޭސިވިލާތަށް ވަނީ މޭވާ އާއި ތަރުކާރީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ދަނޑުވެރިކަމުގެ މަސައްކަތުގައި އިނގިރޭސިވިލާތުގައި ގިނަ އަދަދަކަށް ބިދޭސީން ވެސް މަސައްކަތްކުރެ އެވެ.

ނަމަވެސް ކޮރޯނާވައިރަހުގެ ވަބާއާ އެކު ކުރިމަތިވާން ފެށި ދަތިތަކާ އެކު ދަތުރުފަތުރު ނުކުރެވި އެތައް ބައެއްގެ ވަޒީފާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވެ އެވެ.

ޓޯޓަލްޖޮބްސް އިން ބުނިގޮތުގައި މި ސަބަބުތަކާ ހުރެ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ޝައުގުވެރިގެން އެ ގައުމުން އެޕްލައިކުރާ މީހުންގެ ނިސްބަތް ވަނީ 83 ޕަސަންޓަށް އިތުރުވެފަ އެވެ.

އެގޮތުން ޓޯޓަލްޖޮބްސްގެ ޕޯޓަލުން މިދުވަސްކޮޅު އެންމެ ގިނަ ބަޔަކު ސާޗްކުރާ ދެ ލަފުޒަކީ "ފުރްޓްޕިކާ" އާއި "ފާމްވޯކާ" ކަމަށް ބުންޏެވެ. "ފުރުޓްޕިކާ" ސާޗްކުރާ މީހުންގެ ނިސްބަތް 338 ޕަސަންޓަށް އަރާ އިރު، "ފާމްވޯކާ" ސާޗްކުރާ މީހުންގެ ނިސްބަތް އުޅެނީ 107 ޕަސަންޓްގަ އެވެ.

މިކަމަށް އިޝާރާތްކޮށް ކައުންޓީ ލޭންޑް އެންޑް ބިޒްނެސް އެސޯސިއޭޝަންގެ ރައީސް މާކް ބްރިޖްމަން ވިދާޅުވީ ކޮރޯނާވައިރަހާ އެކު ގިނަ ބަޔަކަށް ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ ވަޒީފާއެއްގެ މުހިއްމުކަމެވެ. އަދި ދަތި ހާލަތެއް ތަޖުރިބާކުރަން ޖެހުމުން މަސައްކަތްތަކާ ދޭތެރޭ މީހުންގެ ވިސްނުމަށް ހެޔޮ ބަދަލެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އާމްދަނީ ހޯދައިގެން ކައިބޮއި ހެދޭނެ ގޮތެއް މި ވަގުތު ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު. އެހެންވީމާ މިއީ ހަގީގަތުގައި މަސައްކަތްތަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިލަން ކޮންމެ މީހަކަށް ވެސް މަޖުބޫރިވި ދަނޑިވަޅެއް." މާކް ވިދާޅުވި އެވެ. "މީގެ އަލީގައި ގޯސްތަކެއް ނަހަދައި އެބަޖެހޭ ދެން ކުރިއަށް ދާނެ ގޮތްތަކެއް ހޯދަން."

ބްރިޓިޝް ގްރޯވާޒް އެސޯސިއޭޝަނުން ވެސް ބުނީ މި ވަގުތަކީ ދަނޑުވެރިކަމުގައި ދާއިރާގައި މަސައްކަތްކުރާނެ ގިނަ ބަޔަކު ބޭނުންވާ ވަގުތެއް ކަމަށެވެ. އެގޮތުން މިހާރު ވެސް އެ ދާއިރާ އަށް 70،000 ވަރަކަށް މީހުން ބޭނުންވާ ކަމަށް ބުންޏެވެ. އަދި މި ދާއިރާ އަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަން ފެށުމުން ދަނޑުވެރިކަމުގެ ދާއިރާ އިން އަންނަނީ ފުރުސަތުތަކެއް ވެސް ހުޅުވައިލަމުންނެވެ.

އެގޮތުން ބްރިޓިޝް ސަމަ ފުރުޓާއި ބްރިޓިޝް އެޕަލް އެންޑް ޕެއާޒްގެ އިތުރުން ކޮންކޯޑިއާ ފަދަ ތަންތަނުން އަންނަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތުތައް ހުޅުވައިލަމުންނެވެ. މީގެ ތެރެއިން ކިޔަވާ ކުދިންގެ މެދުގައި ވެސް ދަނޑުވެރިކަމަށް ލޯބިޖެއްސުމަށް މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ.