11 އެޕްރީލް 2020 - 09:06

ބޮލީވުޑްގެ ކުރީގެ ބަތަލާ ސެލީނާ ޖެއިޓްލީ އެކްޓިންއާ ދުރުގައި ހުންނަތާ އަހަރުތަކެއް ފަހުން ކުޅުނު ފިލްމު "ސީޒަން ގްރީޓިންސް" މި މަހުގެ 15 ގައި ޒީ5 އިން ސްޓްރީމްކުރާ ގޮތަށް ނިންމައި، އޭގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
ދިގުމިނުގައި 45 މިނިޓްގެ މި ފިލްމަކީ 2013 ގައި މަރުވެފައިވާ މަޝްހޫރު ބެންގާލީ ޑައިރެކްޓަރު ރިތުޕްރަނާ ގޯޝް އަށް ޓްރިބިއުޓެއްގެ ގޮތުގައި ރާމް ކަމަލް މުކަރްޖީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"އަ ޓްރިބިއުޓް ޓު ރިތުޕަރްނޯ ގޯޝް: ސީޒަން ގްރީޓިންސް" ގެ ނަމުގައި ގެނެސްދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސެލީނާއާ އެކު ލިލީތާ ޑޫބޭ އާއި ޝްރީ ގަތަކުގެ އިތުރުން އަލަށް ތައާރަފުކުރާ އަޒްހަރު ޚާން ހިމެނެ އެވެ. ފިލްމުގައި ކިޔައިދޭނީ މަޔަކާއި ދަރިއެއްގެ ވާހަކަ އެވެ. ފިލްމުގައި ސެލީނާ ފެނިގެންދާނީ ހާގް ކިޔާ ކެރެކްޓާއަކުންނެވެ.
ދެހާސް އަށާރަ ވަނަ އަހަރު އިއުލާންކުރި މި ފިލްމު ސްޓްރީމިން އަށް ދޫކޮށްލާ އިރު، ބައެއް ފެސްޓިވަލްތަކުގައި ދައްކައިގެން ކްރިޓިކުންގެ ލޯބި ވެސް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ކާޑިފް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލާއި ރާޖަސްތާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް ހިމެނެ އެވެ.
"ޖާނަޝީން" އާއި "ނޯ އެންޓްރީ" އަދި "ގޯލްމާލް ރިޓާންސް" ފަދަ ފިލްމުތައް ކުޅުނު ސެލީނާ "ސީޒަން ގްރީޓިންސް" އަށް އެއްބަސްވި އިރު އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ވިލް ޔޫ މެރީ މީ؟" އެވެ.
ދުބާއީގެ ވިޔަފާވެރިއަކާ ކައިވެނިކޮށްގެން ތިން ކުދިން ވެސް މިހާރު ތިބި އަދި 2001 ގެ މިސް އިންޑިއާގެ ތާޖު ހާސިލުކުރި ސެލީނާ، 38، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދުބާއީގައި ދިރިއުޅުމަށް ފަހު، މިހާރު އާއިލާއާ އެކު ދިރިއުޅެނީ އޮސްޓްރިއާގަ އެވެ.