10 އެޕްރީލް 2020 - 12:12

ލަންޑަން (އޭޕްރީލް 10) - ކޮރޯނާވައިރަހުގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، މި މުއްދަތުގައި ކްލަބްތަކަށް މާލީ ގޮތުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ބައެއް ކްލަބްތަކަށް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑް-19ގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން އިނގިރޭސި ކްލަބްތަކުން އަންނަނީ އިނގިރޭސި ސަރުކާރުގެ ސްކީމްގެ ތެރެއިން ކްލަބްގެ މުވައްޒަފުންގެ މުސާރަތަކެއް ހަމަޖައްސަން މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ ސްކީމުގައި ބައިވެރިވެފައިވާ ކްލަބްތަކަކީ ޓޮޓެންހަމް، ނިއުކާސަލް، ބޯންމައުތު އަދި ނޯވިޗް އެވެ. ލިވަޕޫލުން ވެސް ފުރަތަމަ ސަރުކާރުގެ ސްކީމުގައި ބައިވެރިވާން ނިންމި ނަމަވެސް ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.
ސަރުކާރުގެ ބާރުއެޅުމާ އެކު، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިގެ 30 އިންސައްތަ ކުޑަކުރަން ވަނީ ދަނީ އެދެމުންނެވެ. ގިނަ ކްލަބްތަކުން އެ ގޮތަށް އެއްބަސްވެފައިނުވި ނަމަވެސް މަދު ކްލަބްތަކަކުން އަންނަނީ އެ ގޮތަށް ނިންމަން ތައްޔާރުވަމުންނެވެ. މިހާތަނަށް އެ ގޮތަށް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމީ ސައުތެމްޓަނުންނެވެ. އެ ކްލަބުން ނިންމީ ޖޫންގެ ނިޔަލަށް މުސާރަ ކުޑަކުރުމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މުއްދަތުގައި މެޗުތައް ވެސް ނެތުމާ އެކު ކްލަބްތަކަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށާއި އެކަމަށް އެހީވުމަށްޓަކައި ޕްރިމިއާ ލީގުން ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން ފައިސާގެ އިނާމު ދޭން ކަނޑައަޅާފައިވަނީ މި ވަގުތު ކްލަބްތަށް ލީގުގެ ތާވަލުގައި އޮތް ހިސާބަށް ބަލައި ވަކި އިންސައްތަ އަކުންނެވެ. އެ އުސޫލަށް ބަލާއިރު ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 20 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި އެންމެ ފުލުގައި އޮތް ނޯވިޗަށް މަދުވެގެން ހަތް މިލިއަން ޑޮލަރު ދޭނެ އެވެ. ފައިސާ ދޭއިރު ކްލަބްތަކުގެ މާލީ ހާލަތަށް ބަލާނެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ފުޓްބޯޅަ ސީޒަން ފުރިހަމަ ނުކޮށް މުބާރާތްތައް ކެންސަލްކުރަން ޖެހިއްޖެނަމަ ބައެއް ކްލަބްތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވަނީ ވިދާޅުވެފަ އެވެ. އިނގިރޭސި އެފްއޭ އިން އަންނަނީ ޕްރިމިއާ ލީގެކޭ އެއްގޮތަށް އެހެން ޑިވިޝަންތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުންނެވެ. އެ ގޮތުން އީއެފްއެލް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ކްލަބްތަކަށް 125 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެެވެ.
އިނގިރޭސި ސަރުކާރާ އެކު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި އަލުން ފުޓްބޯޅަ ސީޒަން ފަށަން މަޝްވަރާކުރެވުނު މަހަކީ ޖޫން މަހެވެ. އެކަމަކު އެހާތަނުގައި ވެސް މެޗުތައް ފެށެން އޮތީ ސިއްހީ މާހިރުން ހުއްދަދޭނަމަ އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް މިހާތަނަސް އިންގްލެންޑުން 65،077 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި އެ ގައުމުން 7978 މީހުން މަރުވިއިރު، 135 މީހުން ވަނީ ރަނގަޅުވެފަ އެވެ.