އަޔޫޝްމަނާ އެކު އަލާޔާއެއް ނޫން، މުރްނާލް
އަޔޫޝްމަނާ އެކު އަލާޔާއެއް ނޫން، މުރްނާލް

ދާދި ފަހުން އަޔޫޝަމަން ކްރާނާއާ އެކު އިއުލާންކުރި ފިލްމު "އިސްތިރީ ރޯގް ވިބާގް" ގެ ބަތަލާގެ ރޯލުން ފެންނާނީ އަލާޔާ ފަރްނީޗަރުވާލާ ނޫން ކަމަށާއި އެ ފިލްމުގެ ބަތަލާ އަކީ މުރްނާލް ތާކޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނިގޮތުގައި މި ފިލްމަށް ކުރިން އަލާޔާގެ ނުވަތަ ބޫމީ ޕެޑްނޭކަރް ގެންނަން މަސައްކަތްކުރި ނަމަވެސް އެއްބަސްވުމަކަށް ނާދެވިގެން އެކަން ހުއްޓައިލުމަށް ފަހު، ފިލްމު މުރްނާލަށް މިހާރު ވަނީ ދީފަ އެވެ.

އަލާޔާ އަކީ މި އަހަރު ރިލީޒްކުރި "ޖަވާނި ޖާނެމަން" އިން ތައާރަފުވި ބަތަލާއެކެވެ. ބޫމީ އާއި އަޔޫޝްމަން ވަނީ އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ބާލާ" އާއި "ސުބް މަންގަލް ސާވްދާން" އާއި "ދަމް ލަގާ ކޭ ޙައިޝާ" ހިމެނެ އެވެ.

މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ މުރްނާލް، 27، އަކީ ޓީވީ ސިލްސިލާ "ކުމްކުމް ބަގިޔާ" އިން ވިދައިލުމަށް ފަހު، 2016 ގައި ރިލީޒްކުރި "ލަވް، ސޯނިއާ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.

އޭގެ ފަހުން އޭން ކުޅުނު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ހިމެނެ އެވެ.

މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފަރްހާން އަޚްތަރުގެ "ތޫފާން" އާއި އަބިމަންޔޫ ދައްސާނީގެ "އާނކް މިޗޯލީ" އާއި ޝާހިދު ކަޕޫރްގެ "ޖާޒީ" އިތުރުން ސިދާތު މަލްއުތުރާއާ އެކު ކުޅޭ އަދި ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.

"އިސްތިރީ ރޯގް ވިބާގް" އަކީ ކުޅަދާނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ އަންހެން ކޮއްކޮ އަނޫބުތީ ކޭޝަޕް ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.

ޖަންގްލީ ޕިކްޗާޒުން ހަދާ "އިސްތިރީ ރޯގް ވިބާގް" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާ އިރު، ސިނަމާތަކަށް ފިލްމު ގެންނާނީ އަންނަ އަހަރު އެވެ.

މި ފިލްމުގައި ކިޔައިދޭނީ އާއިލާއަކަށް ފިލާ އަންހެން ކުއްޖަކަށް ބޯހިޔާވަހިކަން ދީގެން އުޅެނިކޮށް ފިރިހެން ގައިނަކޮލިޖިސްޓަކަށް ދިމާވާ ހާދިސާތަކެކެވެ.