އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލައްވައިފި
އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލައްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މިވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލައްވައިފި
އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލައްވައިފި

ބައްސާމް "މިހާރު"އަށް ވިދާޅުވީ އޭނާގެ ކެންޑިޑެސީ ފޯމް މިއަދު ހުށައަޅުއްފައިވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އިސް މަގާމަށް ކުރިމަތިލާން ނިންމެވީ ފުޓްބޯޅައަށް ކުރިއެރުން ގެނެސްދެވޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށެވެ.

"ވަރަށް ގިނަ ތަޖުރިބާތައް ކުރެވިއްޖެ އަޅުގަނޑަށް. ވަރަށް ގިނަ ރައީސުން ވެސް އައިސް ގޮސްފި. ކްލަބްތަކާ ގުޅިގެން އަޅުގަނޑަށް ރަނގަޅަށް މަސައްކަތްކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން ކުރިމަތިލާން ނިންމީ،" ބައްސާމް ވިދާޅުވި އެވެ.

ޒުވާން ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު ވަނީ އޭނާގެ ފަރާތުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓް ވެސް ހުށަހަޅުއްވައިފަ އެވެ. ބައްސާމް ވިދާޅުވީ އެ ފަރާތްތަކުގެ ނަންތައް ހާމަކުރާނީ އިލެކްޓޯރަލް ކޮމިޓީން އޭނާގެ ކެންޑިޑެސީ ބަލައިގަތުމުން ކަމަށެވެ.

"ވަރަށް ރަނގަޅު ޓީމެއް އަޅުގަނޑުގެ ފަރާތުން ހުށަހެޅީ. ވަރަށް ގިނަ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެ ކްލަބްތަކުގެ ހުށައެޅުމާ އެއްގޮތަށް މި ޓީމު އެކުލަވާލީ. މި ޓީމާ މެދު ވަރަށް ބޮޑަށް އިތުބާރު އެބަ އޮތް. މިއީ ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ފުޓްބޯޅައިގެ ޓީމެއް،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމަކީ އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވި ފުރަތަމަ ކެންޑިޑޭޓެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ޖެހުނީ މިދިޔަ މޭ މަހު ބޭއްވި އިންތިހާބަށް ފަހު ހޮވުނު އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން އެކްސްކޯ އުވިފައިވާތީ އެވެ.

އެކްސްކޯ އުވުމުގެ ކުރިން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި ފީފާ އިން ވަނީ ބައްސާމް އަލުން މަގާމާ ހަވާލުވާން އަންގައިފަ އެވެ.

އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީއެއް ނެތުމާ އެކު އިންތިހާބު އިއުލާންކޮށް މިވަގުތު އެފްއޭއެމް ހިންގުމާ ހަވާލުވެފައިވަނީ ބައްސާމެވެ. އެކަމަކު އިންތިހާބު ކުރިއަށްގެންދާނީ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީންނެވެ.

ކްލަބް ވެލެންސިއާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅައިގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ތެރެއިންނެވެ. އެގޮތުން އެ ކްލަބަށް ކޮންމެވެސް ވަރަކަށް ކުޅުއްވި އިރު އޭގެ ފަހުން އެ ކްލަބުގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރެއްވި އެވެ.

އެފްއޭއެމްގައި ކުރިން ވަޒީފާއަދާކުރައްވާފައިވާ ބައްސާމް އެތަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ ގެނައީ ޑިސެމްބަރު 2014 ގައި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވުމަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މަގާމުން ދުރުވުމުން، ކޮމިޓީގެ ޗެއާމަންގެ މަގާމް ވެސް އަދާކުރެއްވި އެވެ. އޭނާ ދެ ވަނަ ފަހަރަށް ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ، މޭ މަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް އިންތިހާބުވުމުންނެވެ.