09 އެޕްރީލް 2020 - 21:38

މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 އަށް ހަފުތާއެއް ވަންދެން ހިންގި ކާފިއު މިއަދު އުވައިލި ނަމަވެސް ހުރިހާ އެންމެން ވީހާ ވެސް ގިނަ ވަގުތު ގޭގައި މަޑުކުރުމަށް ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ ލީޑަރު ޑރ. އަލީ ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އަލީ ލަތީފް ވިދާޅުވީ، ރާއްޖޭގައި އަދި ކޮމިއުނިޓީ ސްޕެރެޑެއް ނެތުމުން ކާފިއު ދިގު ދެންމުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާ ކަމަށެވެ. އެކަމަކު، ހާލަތަށް ބަލައި 24 ގަޑިއިރު ވަންދެން ކާފިއު ހިންގަންޖެހޭ ހާލަތެއް ވެސް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ލަތީފް ވިދާޅުވި ގޮތުގައި، ކާފިއުގެ ތިން ގަޑިއިރު ހަމަވުމާ އެކު، އެއް ފަހަރާ އެތައް ބަޔަކު މަގުމައްޗަށް ނުކުންނާތީ އޭގެ ބޭނުމެއް ނެތެވެ.
"އަސްލު ހީވޭ މީގެ ސީރިއަސްކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވައޭ. އެގޮތަށް ތަންތަނަށް ޖަމާވަންޏާ، އެކަކު ގައިގައި އިންފެކްޝަން ހުންނަންޏާ އަނެކަކުގެ ގަޔަށް އިންފެކްޝަން ދިއުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާނެ. އެގޮތަށް ތިމާ އަށް ނޭނގި ހުރެ ތިމާގެ އިންފެކްޝަން އަރައިފި ކަމަށް ވަންޏާ އެ ބޭފުޅަކު ގެ އަށް ވަޑައިގަންނަވާއިރު، ގޭގެ އާއިލާގެ ބޭފުޅުންނަށް ވެސް މި ކަހަލަ ކަމަކާ ގުޅިގެން އިންފެކްޝަން ފެތުރިގެން ގޮސްފާނެ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް މުހިންމު ކަމެއް އިނގޭތޯ ކާފިއު އަޅުގަނޑުމެން ނެގިޔަސް މަގުމަތީގައި އެއްވެސް ކަހަލަ ޒަރޫރީ ބޭނުމެއް ނެތި ގިނަ ވަގުތު ހޭދަ ނުކުރުން. ތަންތަނަށް ޖަމާވެ، އެއްވެ އެ ކަހަލަ ކަންކަން ކުރުމަކީ ވަރަށް ދެރަ ކަމެއް."
މިރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި ވަގުތަށް ކާފިއު އުވާލިޔަސް ތިން މީހުންނަށް ވުރެ ގިނައިން އެއް ވަގުތެއްގައި ތަންތަނަށް ނުނިކުމުގެ އެންގުން އަދިވެސް ދެމިއެބައޮތް ކަމަށެވެ. އެެއީ ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅުތައް ކަން ފާހަގަކުރައްވައި އަމީން ވިދާޅުވި ގޮތުގައި އެ ކަންކަން ސީރިއަސްކޮށް ނަގަންޖެހެ އެވެ.
"މި ނިންމުންތައް އަޅުގަނޑުމެން މި ނިންމަނީ ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ހާލަތު ދެނެގަނެ، ރާއްޖެ އަށް ހުރި ރިސްކްތައް ބެލުމަށް ފަހު. އެހެންވީމާ މި އަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހިންގި ކާފިއު އުވާލުމާ ގުޅޭ ގޮތުން ފަންނީ ފެންވަރުގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި މި ވަގުތަށް ކާފިއުގެ ކަންކަން ލުއިކުރަން ފެނުނީ ކަމަށެވެ.
"އަޅުގަނޑުމެން ފިޔަވަޅުތައް އަޅަމުން ގެންދަނީ އެ ހާލަތެއްގައި ރާއްޖޭގައި ކޮވިޑް ފެތުރުމަށް އޮތް ނުރައްކަލާއި އަދި ކޮމިއުނިޓީ ތެރޭގައި އަޅުގަނޑުމެންނަށް ނޭނގި ބަލި އުޅޭ ކަމަށް ވާ ނަމަ އެ ކަން ދެނެގަތުމަށްޓަކައި ކުރާ މަސައްކަތާއި [ބަލި ފެތުރުން] ލަސްކުރުމަށްޓަކައި. އެގޮތުން ފަންނީ ގޮތުން މަޝްވަރާ ކުރެވި، މައުލޫމާތު އެއްކުރެވި، އެ މައުލޫމާތުގެ އަލީގައި ނިންމާ ނިންމުންތައް ނިންމަނީ. އަދި ނިންމުންތައް ލުއިކުރަނީ ވެސް އެ ކަންތައްތަކަށް ބެލުމަށް ފަހު،" މިނިސްޓަރު ވިދާޅުވި އެވެ.
އެންއީއޯސީ ހިންގާ ދަރުބާރުގޭގައި ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން އެންމެ ބޮޑަށް މިރޭ އެެދިވަޑައިގަތީ ކޮރޯނާވައިރަހުގެ އަލާމާތެއް އެއްވެސް ގޮތަކަށް ހުރި ނަމަ އެއްވެސް މީހަކު އެ ކަން ސިއްރު ނުކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށެވެ. ރިސޯޓުތަކުގައި 14 ދުވަސް ވަންދެން ތިބުމަށް ފަހު، އެ އޮންނަ އުސޫލުގެ ތެރެއިން އެ ރިސޯޓަކުން އެހެން ރަށަކަށް ދާ މުވައްޒަފުން ވެސް އެ ކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގަތެވެ.
އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސް ވާން ކައިރި ވުމުން ނުވަތަ 14 ދުވަސް ވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު، ބައެއް ފަހަރު [ބަލީގެ] އަލާމާތްތައް ހުންނަ މީހުންގެ މައުލޫމާތު މިހާތަނަށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށް ނުދީ ހުރިކަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަހުގެ އަލާމާތެއް ހުރި މީހަކު އެ ކަން ސިއްރު ކޮށްފި ނަމަ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭނެ އެވެ.
"މި ބައްޔާ ގުޅޭ ގޮތުން އެއްވެސް އަލާމާތެއް ފެނިއްޖެ ކަމަށް ވާ ނަމަ ވީހާ ވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް، މިހާރު ހުރި އިންތިޒާމުތަކަށް މައުލޫމާތު ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ މި ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އެ ކަން ސިއްރު ނުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބައްޔަށް ޝައްކުވާ މީހުންގެ ކޭސްތައް ފެންނަލެއް މަދުވުމަކީ ކަން ފަސޭހަ ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅަންޖެހެ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަހަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އަނެއް ދެ މީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓެކެވެ. މި ހަ މީހުން ވެސް އަދި ރަނގަޅެއް ނުވެ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަކީ އިނގިރޭސި ވިލާތުން އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހުންނެވެ.