10 އެޕްރީލް 2020 - 15:28

ރޯމް (އެޕްރީލް 10) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ނަމަވެސް ގިނަ މީހުންނަށް ތަޖްރިބާ ކުރެވެނީ ބަލީގެ އާދައިގެ އަލާމާތްތަކެވެ. ނަމަވެސް ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބަލި، ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ ކެންސަރު ފަދަ އެހެން ބައްޔެއް ތަހައްމަލް ކުރަމުންދާ މީހުންނަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގައި ޔޫރަޕުން މަރުވި 95 ޕަސެންޓް މީހުންނަކީ 60 އަހަރުން މަތީގެ މީހުން ކަމަށެވެ.
އެކަމަކު އިޓަލީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އުމުރުން 103 އަހަރުގެ އަންހެނެއް ކަމަށްވާ އަޑާ ޒަނުއްސޯ ބުނަނީ ބަލިން ރަނގަޅުވުމުގެ އެންމެ ބޮޑު ސިއްރަކީ އޭނާގެ ހިތްވަރާއި ސާބިތުކަން ކަމަށެވެ. އަދި ދުނިޔޭގައި ހޭދަކުރި ގަރުނެއްހާ ދުވަހު އޭނާގެ ހަޔާތުން ވެސް އެ ސިފަތައް ސާބިތުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ޔޫރަޕުގައި އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންދާ އެއް ގައުމުކަމަށްވާ އިޓަލީ އަކީ ޔޫރަޕަށް ބަލާ ނަމަވެސް ދުވަސްވީ އާބާދީ އެންމެ ބޮޑު ގައުމެވެ. ކޮރޯނާވައިރަހުގައި މުޅި ދުނިޔޭން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އިޓަލީންނެވެ. ބަލި ޖެހޭ މީހުންނާއި ހާލުދެރަވާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވާތީ އިޓަލީގައި ރަނގަޅަށް ފަރުވާއެއް ނުދެވެ އެވެ. އުމުރުން ދުވަސްވީ މީހުން މާބޮޑަށް ހާލު ދެރަވާ އިރު ވެސް އޮންނަނީ "ދޫކޮށްލެވިފަ" އެވެ.
އެހްނެވެ 103 އަހަރުގެ މީހަކު އިޓަލީގައި ކޮރޯނާވައިރަހުން ސަލާމަތްވުމަކީ އާދަޔާޚިލާފު ކަމެކެވެ.
އިޓަލީގެ އުތުރުގެ ސަރަހައްދެއްގެ ދުވަސްވީ މީހުން ތިބީ މަރުކަޒެއްގައި ދިރިއުޅޭ ޒަނުއްސޯ ވީޑިއޯ ކޯލް މެދުވެރިކޮށް އޭޕީ އަށް ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ޓީވީންނާއި ނޫސްތަކުން އޭނާ މައުލޫމާތު ހޯދާ ކަމަށެވެ.
އޭނާގެ ހާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ޒަނުއްސޯގެ ޑޮކްޓަރު ކާލާ ފަރްނޯ ބުނީ ހުން އައިސް ހުރުމުން ވަރަށް ގިނައިން ދިޔާ އެއްޗެހި ދީ ހެދި ކަމަށެވެ. ޒަނުއްސޯ ކާން ނޫޅޭ ކަމަށާއި އަބަދު އޮންނަނީ ތާއްޔާ ޖެހިފައި ކަމަށް ޑޮކްޓަރު ބުންޏެވެ.
"އެއް ދުވަހަކު ޒަނުއްސޯ ލޯހުޅުވާލުމަށް ފަހު އޭނާ ކުރިން ކުރާ ކަންކަން ކުރަން ފެށި. ދެން އޭނާގެ ހާލު އައީ ރަނގަޅުވަމުން،" ޒަނުއްސޯގެ އާއިލީ ޑޮކްޓަރެއްގެ ގޮތުގައި 35 އަހަރު މަސައްކަތް ކުރި ފަރްނޯ ބުންޏެވެ.
ބަލިން ސަލާމަތްވާން އެހީވީ ކޮންމެ ކަމެއްތޯ ސުވާލު ކުރުމުން ޒަނުއްސޯ ބުނީ ހިތްވަރާއި ހިތުގެ ތެދުވެރިކަން ކަމަށެވެ. ބަލިވާ އެހެން މީހުން ވެސް ހިތްވަރު ކުރުމަށް އޭނާ ނަސޭހަތް ދިނެވެ.
ޒަނުއްސޯ އަށް 104 އަހަރު ފުރޭނީ އޮގަސްޓް 16 ގަ އެވެ. އޭނާ އަށް ވަނީ ހަތަރު ކުދިން ލިބިފަ އެވެ. އޭގެ ތެރޭން ދުނިޔޭގައި މިހާރު ތިބީ ތިން ދަރިންނެވެ.
ޑޮކްޓަރު ބުނީ އުމުރުން ދުވަސްވީ ނަމަވެސް ޒަނުއްސޯގެ ސިއްހަތު ރަނގަޅު ކަމަށެވެ.
އިޓަލީން މިހާތަނަށް ވަނީ 143،625 މީހުން ޕޮޒިޓިވްވެ 18،279 މީހުން މަރުވެފަ އެވެ.