ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟
ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟

ނަރްގިސް އާއި ރާޖް ކަޕޫރަކީ ބޮލީވުޑްގައި 1950 އަދި 60ގެ އަހަރު ތަކުގައި ވަރަށް ވިދާލި ޖޯޑެކެވެ. މި ދެ ތަރިން އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު ދެ މީހުންގެ ލޯބީގެ ވާހަކަ އަކީ ވެސް އެ ދުވަސްވަރުގެ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. ބޮލީވުޑުން އުފެދުނު އެންމެ ރޮމެންޓިކް ޖޯޑަކީ ރާޖް ކަޕޫރާއި ނަރްގިސް ކަމަށް މިހާރު ވެސް ވަރަށް ގިނަ މީހުން އެއްބަސްވެ އެވެ.

ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟
ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟

މި ދެ އެކްޓަރުންގެ ހަގީގީ ލޯބި ގާތްގަނޑަކަށް 10 ވަރަކަށް އަހަރަށް ދެމިގެން ދިޔަ އެވެ.

ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟
ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެއްތަ؟

ރާޖް ކަޕޫރު ޑައިރެކްޓްކުރި "ބޮބީ" ގައި ރިޝީ ކަޕޫރާއި ޑިމްޕަލް ކަޕާޑިއާގެ ފުރަތަމަ ބައްދަލުވާ މަންޒަރަކީ ރާޖް ކަޕޫރާއި ނަރްގިސްގެ ފުރަތަމަ ބައްދަލުވުން ވަރަށް ފުރިހަމައަށް ކޮޕީކޮށްގެން ރާޖް ކަޕޫރު އުފެއްދި މަންޒަރެއް ކަމަށްވެ އެވެ.

އެ މަންޒަރުގައި ޑިމްޕަލްގެ ގެއަށް ރިޝީ ގޮސް ދޮރުގައި ޓަކި ޖަހާއިރު ޑިމްޕަލް ހުންނަނީ ފުށް އެއްޗަކަށް އަތްލައިގެން، ކާއެއްޗެއް ތައްޔާރުކުރާށެވެ. ދޮރުގެ ރަނގަބީލުގެ އަޑަށް އޭނާ ގޮސް ދޮރުހުޅުވާއިރު ރިޝީ ހުރިތަން ފެނިފައި ހައިރާންވެގެން އަތުގައި ހުރި ފުށްތައް އިސްތަށިގަނޑުގައި ފޮހެލެވެ އެވެ.

މިމަންޒަރު "ބޮބީ" ގައި ކޮޕީ ކުރުމުން ވެސް ގިނަ ބަޔަކު ބުނީ މިއީ ނަރްގިސް މަތިން ރާޖް ކަޕޫރު ހަނދާން ވާވަރުން ކުރި ކަމެއް ކަމަށެވެ.

ކޮންމެއަކަސް "ބޮބީ" ވެގެން ދިޔައީ އާދަޔާޚިލާފު ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށެވެ. މި ފިލްމުން ރާޖް ކަޕޫރުގެ ދެ ވަނަ ދަރިފުޅު ރިޝީ ކަޕޫރާއި ޑިމްޕަލް ބޮލީވުޑަށް ތައާރަފްވި އެވެ. އަދި މިދުވަސްވަރު ރިޝީ އާއި ޑިމްޕަލް ރައްޓެހިވި ކަމަށާއި ނަމަވެސް ރާޖް ކަޕޫރު އެ ގުޅުމާ ނުރުހިގެން އެމީހުންނަށް ވަކިވާން ޖެހުނީ ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އަދި ހަމަ މި ދުވަސްވަރު ދެކެވުނު އަނެއް ވާހަކަ އަކީ ޑިމްޕަލް އާއި ރިޝީ ގުޅުމަށް ރާޖް ކަޕޫރު އެހާ ބޮޑަށް ދެކޮޅުހެދީ ޑިމްޕަލް އަކީ އޭނާ އާއި ނަރްގިސް އަށް ކައިވެނިން ބޭރުގައި ލިބުނު ދަރިއަކަށް ވާތީ ކަމަށެވެ. މީގެ ހެއްކެއްގެ ގޮތުގައި އޭރުގެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކުގައި ވަނީ ޑިމްޕަލް އާއި ނަރްގިސް އާދަޔާޚިލާފަށް ވައްތަރު ކަމެވެ.

ނަމަވެސް މި ވާހަކަތަކަކާ ޑިމްޕަލް އަަޅައެއް ނުލި އެވެ. "ބޮބީ" ނުނިމެނީސް އޭނާ އޭރުގެ ސުޕަސްޓާރެއް ކަމަށްވާ ރާޖޭޝް ކަންނާއާ ޑިމްޕަލް ކައިވެނިކުރީ އެވެ. މި ފެތުރުނު އެއްވެސް އަޑާކާ ބެހޭ ގޮތުން ރާޖް ކަޕޫރު ވެސް އަދި ނަރްގިސް ވެސް އޭރު ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން ނޫސްވެރިއަކު ނަރްގިސްއާ ހަމަ އެ ސުވާލު ކުރި އެވެ. އެކަމަކު ކުރީ ފަހަރުތަކުގައި އެ ސުވާލަށް ޖަވާބު ނުދިން ގޮތަށް އެ ފަހަރު ޖަވާބު ނުދީ ދޫކޮށްލާކަށް ނަރްގިސް ބޭނުމެއް ނުވި އެވެ.

ނަރްގިސް ބުނި ގޮތުގައި މި ވާހަކަތައް ފެތުރުނީ ކޮން އިރަކު ކީއްވެގެން ކަމެއް އަދި ކިހިނެއް ކަމެއް ޚުދް އޭނާއަކަށް ވެސް ނޭނގެ އެވެ. އަދި މިއީ ވަރަށް ގޮތެއް ނެތް ޚިޔާލެއްގެ މައްޗަށް ދައްކަމުންދިޔަ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އޭރު ނަރްގިސް ބުނެފައިވެ އެވެ.

އެ ވާހަކަތައް ދެކެވުނީ ފިލްމު "އާވާރާ" ގައި އޭނާ ކުޅުނު ކެރެކްޓާއާ އެއްކަހަލަ ކެރެކްޓާއެއް "ބޮބީ" ގައި ޑިމްޕަލް ލައްވާ ރާޖް ކަޕޫރު ކުޅުވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް ނަރްގިސް ބުނެފައިވެ އެވެ. އަދި އޭނާއާ ޑިމްޕަލް އާ ސިފަ ވައްތަރު ކަމަށް ބުނެ ވެސް ވާހަކަތައް ހަދައިގެން ދައްކާ ކަމަށް ނަރްގިސް އޭރު ބުނެފައިވެ އެވެ.

ނަރްގިސް ބުނެފައިވާ ގޮތުގައި ޑިމްޕަލް އަކީ އޭނާގެ ދަރިއެއް ނަމަ ދުވަހަކު ވެސް އޭނާ އެހެން މީހަކަށް ނުދޭނެ އެވެ. އަދި ޚުދް ޑިމްޕަލް ވެސް މި ވާހަކަ ނަގަނީ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށް ނަރްގިސް ބުނެފައިވެ އެވެ.

"އަހަރެންގެ ފިރިމީހާ (ސުނިލް ދަތު) އާއި ދެ އަންހެންދަރިން އެކަމާ އެހާ އަޅައެއް ނުލާ. އެމީހުންނަށް އެ ވާހަކަ ވަނީ ވަރަށް މަޖާ ވާހަކައަކަށް. ނަމަވެސް ފިރިހެން ދަރިފުޅު (ސަންޖޭ ދަތު) އަށް މިފަދަ ވާހަކަތަކުން ވަރަށް ހިތްހަމަނުޖެހުން ލިބޭ. ނަމަވެސް އޭނަވެސް ބޮޑުވީމަ ރަނގަޅުވާނެކަމަށް ބަލަނީ. މި ވާހަކަ އިތުރަށް ދައްކައިގެން މީ މާ މުހިއްމު ވާހަކައަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫން. އޭރުން އަމިއްލައަށް އެ ވާހަކަ މަރުވާނެކަމަށް ދެކެނީ،" ނަރްގިސް ބުނެފައިވެ އެވެ.