09 އެޕްރީލް 2020 - 15:29

ސިމްޑީގެ ޑިވިޝަނެއް ކަމަަށް ވާ "ސިމްޑީ ރެސޫ"އިން ހޮސްޕިޓާލިޓީ ދާއިރާ އާއި ގެ އާއި ބަދިގެއަށް ބޭނުންވާ ސާމާނަށް ހާއްސަ ޝޯރޫމެއް ހުޅުވައިފި އެވެ.

މި ޝޯރޫމުން ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު އިލީ ބްރޭންޑުގެ އުފެއްދުންތަކާއި "ސަންޓޯސް" އާއި"ރޮބޯކޫޕް" އަދި "އިލެކްޓްރޮލަކްސް" ގެ އުފެއްދުންތައް ހިމެނެ އެވެ.

ސްވީޑަންގެ ބްރޭންޑެއް ކަމަށްވާ އިލެކްޓްރޮލަކްސްގެ އުފެއްދުންތައް މަޝްހޫރު ވެފައި އޮންނަނީ ގިނަ ބަޔަކު އިތުބާރުކުރާ އަދި ކޮލިޓީ ރަނގަޅު އެއްޗެހީގެ ގޮތުގަ އެވެ.
ސިމްޑީގެ އާ ޝޯރޫމް ހާއްސަ ކޮށްފައިވަނީ ވެސް އެ ބްރޭންޑުގެ އުފެއްދުންތަކަށެވެ.
ސިމްޑީން ބުނީ ރާއްޖޭގެ ފިހާރަތަކާ ހިލާފަށް އެ ތަނުގެ އާ ޝޯރޫމުން ހިދުމަތް ދިނުމުގެ ގޮތް ވެސް މުޅިން ތަފާތުވާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރު ބަލަން ބޭނުންވާ އެއްޗެއް ބުނުމުން އޭނާގެ ކައިރިއަށް އެ އެއްޗެއް ގެެނެސްދީ، ތަފްސީލު ފޯރުކޮށްދޭނެ ކަމަށް ސިމްޑީން ބުންޏެވެ.
"މިތަނުން އެއްޗެހި ލިބެން ހުންނާނީ ލޯކަލް މާކެޓަށް ވެސް އެފޯޑު ކުރެވޭ ކޮމްޕެޓިޓިވް އަގުތަކެއްގައި. މިތަނަށް އަންނަ ކަސްޓަމަރުންނަށް އެހެން ޝޯރޫމުތަކާ ހިލާފަށް އަމިއްލައަށް ތަކެތި އެކްސްޕީރިއެސް ކޮށްލެވޭނެ. އެ ބޭނުން ކުރާ ގޮތް ވެސް އަމިއްލައަށް ތަޖުރިބާ ކުރުމަށް ފަހު ގަތުމުގެ ފުރުސަތު އޮންނާނެ." ސިމްޑީގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވި އެވެ.
ސިމްޑީން ވަނީ މި ޝޯރޫމް ހުޅުވުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ކުރިއަށްގެންދަން ނިންމައިފަ އެވެ. މި ޕްރޮމޯޝަންތައް ކުރިއަށްގެންދާނީ ކޮވިޑް-19 ފެތުރުން ހުއްޓުވަން ގޭގައި ތިބެން ބާރުއެޅުމުގެ ގޮތުން "ސްޓޭ ހޯމް، ސްޓޭ ސޭފް" ޝިއާރުގެ ދަށުންނެވެ. ސިމްޑީ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކުރުމާއި މާލެ ސަރަހައްދަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެ އެވެ.
އާ ޝޯރޫމުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ބަދިގެ އާއި ލޯންޑްރީ ފަދަ ތަންތަން ކަސްޓަމައިޒް ކުރަން ބޭނުންވާ ނަމަ އެ ހިދުމަތް ވެސް ލިބެ އެވެ.
ސިމްޑީ ރެސޫގެ ސީނިއަ މެނޭޖަރު އަލީ މުރުތަލާ ވިދާޅުވީ ޝޯރޫމްގެ ހިދުމަތްތައް ބަހާލާފައި ވަނީ ޓެކްނިކަލް ގޮތުންނާއި ކޮންސަލްޓެންޓުންގެ އެހީ ވެސް ލިބޭނެ ގޮތަށް ކަމަށެވެ.
"މިތަނަކީ އަސްލު ޝޯރޫމެއްގެ އިތުރުން ޓެކްނިކަލް ބައި ވެސް ހިމެނޭ ތަނެއް. އެހެންކަމުން ޓެކްނިކަލް ސައިޑުންނާއި ކޮންސަލްޓެންޓުން އަދި ޕްރޮޑަކްޓުތަކުގެ ބްރޭންޑް އެމްބެސެޑަރުންގެ ޓީމުގެ އެހީ ލިބޭނެ. މި ޓީމަކީ އެކި ތަންތަން ހެދުމުގައި ފުލް ސަޕޯޓު ދެވޭ ވަރުގެ ޓީމެއް،" މުރުތަލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝޯރޫމުން ވިއްކާ ހުރިހާ އެއްޗަކަށް ބޭނުންވާ އާފްޓަ ސޭލް ސާވިސްގެ ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ޓެކްނިކަލް ޓީމެއް އެބަ އޮތެވެ. އެހެންކަމުން އެތަނުން ވިއްކާ ހުރިހާ އެއްޗަކަށް ބޭނުންވާ ސާވިސްތައް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިމްޑީން، ސިމްޑީ ރެސޫގެ އިތުރުން ތަފާތު އެކި ޑިވިޝަންތައް ހިންގަ އެވެ. އޭގެ ތެރޭގައި ބުއިންތަކަށް ހާއްސަކޮށްގެން "ސިމްޑީ ބެވް"، ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ހާއްސަ "ސިމްޑީ ޓެކް"، އިމްޕޯޓު މުދަލަށް ހާއްސަ "ސިމްޑީ ސީޕީޑީ" އަދި ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަ "ސިމްޑީ އެޗްއެލްޑީ" ޑިވިޝަން ހިމެނެ އެވެ.