ކޮވިޑް-19: ސައުދީގައި 200،000 މީހުންނަށް ބަލިޖެހިދާނެ
ކޮވިޑް-19: ސައުދީގައި 200،000 މީހުންނަށް ބަލިޖެހިދާނެ

ރިޔާޒް (އެޕްރީލް 12) - ސައުދީ އަރަބިއާގައި 200،000 މީހުންނަށް ކޮރޯނާވައިރަސް ޖެހިދާނެ ކަމަށްލަފާކޮށްފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވެއްޖެ އެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި ސައުދީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވެގެން 10،000 އަށް ނުވަތަ ގިނަވެގެން 200،000 އަށް އަރާނެ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައި،" ސައުދީގެ ރަސްމީ ނޫސް އެޖެންސީ އަށް ރާބިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައުދީގައި ބަލިޖެހޭނެ ކަމަށް ބެލެވޭ މީހުންގެ އަދަދު ލަފާކޮށްފައި ވަނީ ސައުދީ އާއި ބައިނަލްއަގުވާމީ ތަޖްރިބާކާރުން ހެދި ހަތަރު ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮރޮނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ސައުދީން މިހާރު ވަނީ ވެރިރަށް ރިޔާޒް، ތަބޫކް، ދައްމާމް، ދަހުރާން، ހޮފޫފް ލޮކްޑައުންކޮށްފަ އެވެ. މީގެ އިތުރުން މައްކާ އާއި މަދީނާ އަދި ޖިއްދާ އަށް މީހުން ވަދެ ނުކުމެއުޅުން ވަނީ މަނާކޮށްފަ އެވެ.

ސައުދީން މިހާރު ވަނީ އުމްރާގެ އަޅުކަން ވެސް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ކުރިއަށް ނުގެންދިއުމަށް މުސްލިމް ގައުމުތަކަށް ވަނީ އަންގައިފަ އެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 4,033 މީހުން ޕޮޒިޓިވްވެ 52 މީހުން މަރުވެފަ އެވެ.