ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޖޯލި މޯލްޑިވްސްގެ ބިދޭސީއާ ކޮންޓެކްޓްވި އެއާޕޯޓު މުވައްޒަފެއް ޓެސްޓުކުރަނީ
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޖޯލި މޯލްޑިވްސްގެ ބިދޭސީއާ ކޮންޓެކްޓްވި އެއާޕޯޓު މުވައްޒަފެއް ޓެސްޓުކުރަނީ

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ޖޯލި މޯލްޑިވްސްގެ ބިދޭސީ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓުކުރަން ފަށައިފި އެވެ.

ޖޯލި މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރި އަދި ރ. ބޮޑުފުއްޓަށް ދިޔަ ތުރުކީގެ މީހާ އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓުގެ ނަތީޖާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. މި ދެ ރަށަށް ވެސް ގޮސްފައިވާ ތުރުކީ މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ޕޮޒިޓިވްވިކަން ރާއްޖެ އަށް އެންގީ މިދިޔަ ހޯމަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ދިވެއްސެއްގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން ޓެސްޓުކުރަން ފަށާފައި މޮނީޓާކުރަން ފެސިލިޓީއެއްގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

ޖޯލި މޯލްޑިވްސްގެ ބިދޭސީ މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 33 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުންޏެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާއާ ބައްދަލުވި މީހުންގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނާއި އެ މީހާ އެއާޕޯޓަށް ގެންދިޔަ ކްރޫންނާއި އެއާޕޯޓްގެ ގްރައުންޓް ސްޓާފުންނާއި ފްލައިޓް ކްރޫން ހިމެނޭ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު، ރާއްޖޭގައި އެ ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން ޕޮޒިޓިވްކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.