ކޮވިޑް-19: އިންޑިއާގެ ބޮޑެތި ސިޓީތަކުގެ މީހުން މާސްކް އަޅަން އަންގައިފި
ކޮވިޑް-19: އިންޑިއާގެ ބޮޑެތި ސިޓީތަކުގެ މީހުން މާސްކް އަޅަން އަންގައިފި

ނިއު ދިއްލީ (އެޕްރީލް 9) - އިންޑިއާގެ އެންމެ ބޮޑެތި ސިޓީތަކުގެ ތެރޭގައި ހިމެނޭ ވެރިރަށް ނިއު ދިއްލީ އާއި މާލީ ހަބް މުމްބާއީގައި އާއްމުން ބޭރަށް ނުކުންނަ އިރު ފޭސް މާސްކް އެޅުން މަޖްބޫރުކޮށްފި އެވެ.

ނިއު ދިއްލީ އާއި މުމްބާއީގެ 40 މިލިއަން މީހުންގެ އިތުރުން 200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުއްތަރަ ޕްރަދޭޝްގައި ވެސް ވަނީ މާސްކް އަޅަން އަންގައިފަ އެވެ.

"ފޭސް މާސްކް އެޅުމުން، ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑު ތަން ކޮންޓްރޯލް ކުރެވޭނެ،" ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވި އެވެ. "ގެއިން ބޭރަށް ނުކުންނަ ކޮންމެ މީހަކު ވެސް މާސްކް އެޅުން މިހާރު މަޖްބޫރު ވާނެ."

އިންޑިއާގެ ހެލްތު މިނިސްޓްރީން ވެސް ވަނީ އެ ގައުމުގެ 1.3 ބިލިއަން މީހުންގެ ނޭފަތާއި އަނގަމަތި ނިވާކުރުމަށް އިލްތިމާސްކޮށްފަ އެވެ. ސާޖިކަލް މާސްކް ނުލިބޭ ނަމަ އަމިއްލައަށް ފޮތި މާސްކް ހަދައިގެން ބޭނުން ކުރުމަށް ވެސް އަންގާފައިވެ އެވެ. އަމިއްލަ އަށް މާސްކް ހަދާނެ ގޮތުގެ އިރުޝާދުތައް ދަނީ އޮންލައިންކޮށް ދެމުންނެވެ.

އިންޑިއާ މިހާރު ވަނީ މާޗް 25 އިން ފެށިގެން 21 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ބޭރަށް ދެވޭނީ ހަމައެކަނި އަސާސީ ތަކެތި ހޯދުމަށެވެ. ނަމަވެސް އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ތަޖްރިބާކާރުން ބުނަނީ ބަލި ފެތުރުން އިތުރުވެފައި ވަނީ މިސްކިތެއްގައި ބޭއްވި އިވެންޓަކަށް ދިޔަ މީހުންގެ ފަރާތުން ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 5،916 މީހުން ޕޮޒިޓިވްވެ 178 މީހުން މަރުވެފަ އެވެ.